28 Aug 2022, 14:01
ނިއުދިއްލީ (28 އޮގަސްޓް 2022): އިންޑިއާގެ މުސްލިމް އަންހެނަކު ރޭޕްކުރި ހިންދޫންގެ 11 މީހަކު އުމުރަށް ޖަލަށްލާފައި ވަނިކޮށް އެމީހުން މިނިވަން ކުރުމުން އެކަމާދެކޮޅަށް ވެރިރަށް ނިއުދިއްލީއާއި އިންޑިއާގެ އެތައް ސްޓޭޓެއްގައި އާންމުން މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރި މީހުން ގޮވާލަމުން ދިޔައީ ރޭޕިސްޓުން މިނިވަންކުރުމަށް ގުޖުރާތުގެ ލޯކަލް ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށާއި ޖަލު ހުކުމްގެ މުއްދަތު ހަމަވަންދެން އެމީހުން ޖަލުގައި ބޭތިއްބުމަށެވެ.
ހިންދޫންގެ 11 މީހަކު މުސްލިމް އަންހެން މީހާ ރޭޕްކޮށްފައިވަނީ 2002 ވަނަ އަހަރު ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ހިންގި ލާއިންސާނީ ޖަރީމާތަކުގައެވެ. މިޖަރީމާތަކުގައި ހަރުކަށި ހިންދޫންވަނީ މުސްލިމުންގެ ހާހަކަށްވުރެ ގިނަމީހުން މަރާލައި މުސްލިމުންގެ އެތައް ހާސް ބައެއްގެ ގެދޮރާއި މުދަލާއި ފިހާރަތަކުގައި ހުޅުޖަހައި އަންދާލާފައެވެ.
އެދުވަސްވަރު ހަރުކަށި ހިންދޫން ހިންގި ލާއިންސާނީ ޖަރީމާތަކަށް ގުޖުރާތުގެ ލޯކަލް ސަރުކާރުން ހިތްވަރުދީ އެހީތެރިވިކަމަށްވެސް މުސްލިމުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެދުވަސްވަރު ގުޖުރާތުގެ ލޯކަލް ސަރުކާރުގެ ވެރިޔަކަށް ހުންނެވީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އެވެ.
ގުޖުރާތުގައި ހަރުކަށި ހިންދޫން 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ތެރެއިން އެ އަންހެންމީހާ ރޭޕްކުރީ އޭނާގެ އުމުރުން 26 އަހަރުގައެވެ. އޭރު އެ އަންހެން މީހާ އިނީ ދަރިއަކަށް ބަލިވެއެވެ. ރޭޕްކުރީ ހިންދޫންގެ 11 މީހުންގެ ގުރޫޕަކުންނެވެ. ރޭޕްކުރުމަށްފަހު އަންހެންމީހާއަށް ވަނީ ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި ގެއްލުންތަކެއް ލިބި ބައިގެން ގޮސްފައެވެ.
ހަރުކަށި ހިންދޫން ހިންގި ހުޅު ޖެހުމުގެ އަމަލުތަކުގައި އެ އަންހެންމީހާގެ ފިރިމީހާ ހިމެނޭގޮތަށް އޭނާގެ އާއިލާގެ ހަތް މީހުންނާއި އޭނާގެ ތިން އަހަރުގެ ދަރިއަކުވެސް މަރުވިއެވެ. ރޭޕްގެ ޖަރީމާ ހިންގި 11 މީހުން މިނިވަންކުރުމުން ރޭޕްގެ ޝިކާރައަކަށްވި އަންހެންމީހާ ބަސްހުއްޓިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އޭނާއަށް އިންސާފު ހޯދައި ދިނުމަށް އެދި އިންޑިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންވެސް ގެންދަނީ އިހްތިޖާޖް ކުރަމުންނެވެ.