28 Aug 2022, 10:12
ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަ ވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން "ސަން"އަށް ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. އަދި އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ އިދާރާއިން ބުނީ އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.
ހަމައެއާއެކު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާނގަޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.
މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ވެސް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެގޮތުން މިއަދު ނަގާ ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެންމެ ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ކަމަށް އެ އިދާރާއިން ބުންޏެވެ.
ފާއިތުުވި ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވި ނަމަވެސް މިދޭތެރެއިން މޫސުން ރަނގަޅެވެ.
ނަމަވެސް ހުޅަނގު މޫސުމުގައި ކުރި ވިއްސާރާއިގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.