މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި އެކަމުގައި މުޅި ދައުލަތް ފެއިލް ވެފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މަސްތުވާތަކެތީގެ މައްސަލައިގައި ރާއްޖެ ހަލާކުވެ ނިމިގެން ދަނީ ކަމަށާއި ރައްޔިތުންގެ ގޮތް ހުސްވެ ގާނޫނު އަތަށް ނަގަން ފަށާފައިވާ ކަމަށެވެ.

"މިކަމުގައި [މަސްތުވާތަކެތީގެ މައްސަލައިގައި] މުޅި ދައުލަތް ފެއިލް ވެއްޖެ," ނިޒާރު ވިދާޅުވިއެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ, މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކެއް ވަނީ ފެއިލް ވެފައި ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ނުކުޅެދިފައިވާއިރު އެ ބަލިމަޑުކަމުގެ އަވާގައި ޖެހިފަ ތިބި މީހުންނަށް ފަރުވާ ދިނުމުގައި ވެސް ސަރުކާރުން ފެއިލް ވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ފަރުވާއަށް ހުކުމްކުރެވޭ މީހުނަށް ވެސް އެ ހުކުމް ތަންފީޒުކުރެވޭނެ ގޮތެއް ވެސް ނެތް. އަމިއްލައަށް އެދިގެން އެއް އަހަރު ވާއިރު ވެސް އެމީހާއަށް ފަރުވާ ކުރެވޭނެ ގޮތްތަކެއް ވެސް ނުހޯދެ," ނިޒާރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ސަބަބުން އައްޑޫގެ ހާލަތު ދުވަހަކަށް ގޯސްވަމުން އަންނަކަން މޭޔަރު ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެވަބާގައި ޖެހޭ ކުޑަކުދިންގެ އަދަދު ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރު ވަމުން އަންނަ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"މިކަމަކަށް ހައްލެއް ނާދެ. ވައްކަން އެހާ ގިނަ. ރޯމާ ދުވާލު ގޭގެއަށް ވަދެ ފޭރެނީ. ފިހާރަތަކަށް ވަންނަނީ," އައްޑޫގެ ހާލަތު އޮތް ގޮތް މޭޔަރުގެ ދުލުން ކިޔައިދެއްވިއެވެ.

އައްޑޫގެ ތަރައްގީއަށް ސަރުކާރުން އިސްކަންދޭ ކަމާ މެދު ޝައްކު ނުކުރާ ކަމަށާއި ތަރައްގީއަށް އެތަކެއް މަޝްރޫއެއް ހިންގި ނަމަވެސް އެންމެ ކަންބޮޑުވަނީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ނުލިބޭތީ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އެހާ ވެސް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި މި އުޅެނީ. ގެދޮރު ތަޅުލައިގެން އަބަދު މި ތިބެން ޖެހެނީ. ހަމަ ލޯ މަތިން މި މަސްތުވާތަކެތީގެ ވިޔަފާރި މި ކުރަނީ. މި ހުރިހާ ކަމެއް އެބަ ހިނގާ. ވަރަށް ސީރިއަސް ހާލަތެއްގައި މި އޮތީ," ނިޒާރު ވިދާޅުވިއެވެ.

އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އިތުރު ފުރާނަތަކެއް ގެއްލުމުގެ ފުރުސަތު ބޮޑު ކަމުގެ އިންޒާރު ނިޒާރު ވަނީ ދެއްވާފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި ސަރުކާރަށް ނިޒާރު އާދޭސް ދެންނެވީ ގައުމީ ފެންވަރުގައި މަސައްކަތްކޮށް މަސްތުވާތަކެތީގެ ވަބާއިން އައްޑޫ ސަލާމަތް ކޮށްދެއްވުމަށެވެ.