އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭބީޑަބްލިއުސީއައި)ގެ ރާއްޖޭގެ ބްރާންޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީގޮތުން އިފުތިތާހު ކޮށްދެއްވައިފިއެވެ.

އޭބީޑަބްލިއުސީއައިގެ ރާއްޖޭގެ ގޮފި އިފުތިތާހުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ސޯޝަލް ސެންޓަރުގައެވެ.

އޭބީޑަބްލިއުސީއައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ.

އޭބީޑަބްލިއުސީއައި އަކީ ބައިނަލްއަގުވާމީ ގޮތުން އަންހެނުންގެ ޗެމްބާ އޮފް ކޮމާސްގެ ގޮތުގައި ވާޗުއަލްކޮށް ހަރަކާތްތެރިވާ ޕްލެޓްފޯމެކެވެ. އޭބީޑަބްލިއުސީއައިގެ މެންބަރުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އަންހެން ވިޔަފާރިވެރިންނާއި، އަންހެނުންގެ ޖަމުއިއްޔާ ޖަމާއަތްތަކާއި، ތައުލީމީ މުއައްސަސާތަކާ އަދި އަންހެނުންނަށް ޚާއްސަކޮށްގެން އިންވެސްޓްކުރާ ކުންފުނިތަކުގެ މެންބަރުން ވެސް ހިމެނެއެވެ.

އޭބީޑަބްލިއުސީއައިގެ މަގުސަދަކީ ކުރިމަގުގައި އަންހެނުން ވިޔަފާރީގެ ދާއިރާއިން ކުރިޔަށްދިއުމުގައި ބޭނުންވާނެ ކަންކަން ދެނެގަތުމާއި، ވިޔަފާރިވެރި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިޖާބަދީ، ދުނިޔޭގެ އިގުތިސާދުގައި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށް އެހީތެރިވެދީ، އެމީހުންނަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތަށްފަހު ފަޒްނާ ވަނީ ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ އަތްތެރި މަސައްކަތްތެރިކަމުގެ މައުރަޒުގެ ބައެއް މަސައްކަތްތައް ބައްލަވާލައްވާފައެވެ.