އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތު އަތުން ލިވަޕޫލް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑުގައި މިރޭ ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 9-0ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ފަށައިގެން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ލިވަޕޫލުންނެވެ.

އެގޮތުން މެޗުގެ ތިންވަނަ މިނެޓިގައި އެ ޓީމުން ވަނީ ގޯލުޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކު ލުއިސް ޑިއާޒް ޖަހައިފައިވާ ގޯލެކެވެ.

އޭގެ ދެ މިނެޓު ފަހުން، މެޗުގެ ހަވަނަ މިނެޓުގައ ލިވަޕޫލުން އަނެއްކާ ވެސް ވަނީ ގޯލެއް ޖަހައިފައެވެ. ފިރްމީނޯގެ އެހީތެރިކަމާއެކު އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ހާވޭ އެލިއޮޓްއެވެ.

ލުއިޒް ޑިއާޒް ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ---

އަނެއްކާވެސް ފިރްމީނޯ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި އެލެކްސެންޑާ އާނޯލްޑު ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ މެޗުގެ 28 ވަނަ މިނެޓުގައި އޭނާ ޖަހައިފައިވާ ގޯލެކެވެ.

މީގެއިތުރުން މެޗުގެ 31 ވަނަ މިނެޓުގައި ފިރްމީނޯ ގޯލެއް ޖެހިއިރު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި އެ ޓީމުގެ އިތުބާރު ޑިފެންޑަރު ވާގިލް ވެންޑައިކް ވަނީ ފަސްވަނަ ގޯލު ޖަހައިފައެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ލިވަޕޫލުން ވަނީ ހަވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ސައުތުއެމްޓަންގެ ކްރިސް މެފަމް އަތުން ވަން ބައި ގޯލެކެވެ. އަދި މެޗުގެ 62 ވަނަ މިނެޓުގައި ފިރްމީނޯ ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މެޗުގެ 80 ވަނަ މިނެޓުގައި މި ސީޒަނުގައި ފުލްހަމައިން ލިވަޕޫލަށް ގެނައި ފަބްއޯ ކަރްވާޅޯ ވަނީ އޭނާ ލިވަޕޫލް ޖާޒީގައި ފުރަތަމަ ގޯލު ޖަހައިފައެވެ. އަދި މެޗުގެ 85 ވަނަ މިނެޓުގައި ލުއިޒް ޑިއާޒް ވަނީ މެޗުގެ ނުވަ ވަނަ ގޯލު ޖަހައިފައެވެ.

އެ ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލިވަޕޫލް ތާވަލްގެ އަށްވަނައިގައި އޮތްއިރު މެޗުން ބަލިވި ބޯންމައުތު ތާވަލްގެ 17 ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ.