ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު ފުލުހުން ކުރި މަސައްކަތަކީ ގާނޫނު އަސާސީ އާއި ގާނޫނުތައް ދަމަހައްޓައި ޑިމޮކްރަސީ ހިމާޔަތް ކުރުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވީ ހަތެއް ފެބުރުއަރީގައި ފުލުހުން ކުރި މަސައްކަތަތަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ދެމެހެއްޓުން ކަމަށާއި ޑިމޮކްރަސީ ހިމާޔަތް ކޮށްދިނުމަށް ކަމަށެވެ.

"ހަތެއް ފެބްރުއަރީގައި ފުލުހުން ކުރި މަސައްކަތަތަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ދެމެހެއްޓުމަށް ކަމުގައި އަޅުގަނޑު ދަންނަވަން. ރާއްޖޭގެ ރައްޔިތުން ކޮށާފައިވާ ޑިމޮކްރަސީގެ ބުރަ މަސައްކަތް ހިމާޔަތް ކޮށްދިނުމަށްޓަކައި ރާއްޖޭގެ ގާނޫނު އަސާސީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ގާނޫނުތައް ދެމެހެއްޓުމަށްޓަކައި ތިޔަ ފުލުހުން ކޮށްދެއްވި ވަރަށް ބޮޑު މަސައްކަތެއް،" ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވަނީ އިސްލާމްދިނާއި ގާނޫނު ތަކާއި ގާނޫނު އަސާސީއާ ޚިލާފު އެއްވެސް އަމުރެއް ފުލުހުންގެ މައްޗަށް ނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދެއްވާފަ އެވެ. އަދި އެއްވެސް ފުލުހަކަށް ގާނޫނާއި ގަވާއިދާ ޚިލާފު އަމަލެއް ކުރުމަށް ނާންގާނެ ކަމުގެ ޔަގީން ކަންވެސް ޑރ. ވަހީދު ވަނީ ދެއްވާފަ އެވެ.

ސިޔާސީ ބޭނުމަށް މަދު ބައެއްގެ ފައިދާއަށް ރާވައިގެން ހިންގާ ކަންތައްތަކުގެ އަސަރު މުޅި ގައުމަށް ފޯރާ ކަމަށް ވިދާޅުވެ، ރައީސް ޑރ. ވަހީދު ވިދާޅުވީ އެކަންކަމާ ދެކޮޅަށް ތެދުވަންޖެހިފައިވާ ކަމަށެވެ.

"ސިޔާސީ ބޭނުމަށް މަދު ބައެއްގެ ފައިދާއަށް ރާވައިގެން ހިންގާ ކަންތަކުގެ އަސަރު މުޅި ގައުމަށް ފޯރާފައި [ވޭ]. މިއަދު އޭގެ އަސަރު މުޅި ރާއްޖޭގެ އިގްތިސޯދަށް ދަނީ ކުރަމުން. ވިޔަފާރި ތަކަށާއި ފަތުރުވެރިކަމަށް ދެމުންގެންދާ ހަމަލަތާކުން ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ދަނީ ކުރަމުން،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން އިންތިހާއަށް ބޭނުންވާ ޚިދުމަތެއްކަން ފާހަގަ ކުރައްވާ ރައީސް ޑރ. ވަހީދު ވަނީ އެ ޚިދުމަތް ދިނުމުގައި ދަތިއުނދަގޫ ހާލަތުގައި ވެސް އިންސާނީ ހައްގުތަކާއި ކަރާމަތައް ބަލައިގެން މަސައްކަތް ކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ދިމާވާ ދަތިއުނދަގޫ ކަންތައްތަކާ ވެސް ކެތްތެރިކަމާއެކު ހިތްވަރާ ވިސްނުންތެރިކަމާއެކު ކެރިގެން ސާބިތު ކަމާއެކު ތިބުމަކީ ފުލުހުންގެ ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ފުލުހުންގެ ތެރޭ އަޚްލާގައި އިންޓެގްރިޓީ އާއި ޕްރޮފެޝަނަލަޒިމް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޅި ގައުމަށް އިލްތިމާސް ކުރައްވައި ރައީސް ވިދާޅުވީ ފުލުހުންގެ އާއިލާތަކާ ފުލުހުންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކާމެދު ހިތާމަ ކުރައްވާ ކަމަށެވެ.
"ބައެއް ފަހަރަށް ފުލުހުންގެ އާއިލާތަކާ ފުލުހުންނަށް ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގެއްލުމާއި މާޔޫސްކަން އަޅުގަނޑު ފާހަގަކޮށް އެކަމާ އާޅުގަނޑު ހިތާމަ ކުރާ ވަހަކަ ދަންނަވަން،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފުލުހުން ދިރިއުޅުމަށްޓަކައި ފުލެޓް އެޅުމަށް 74000 އަކަފޫޓުގެ ބިމެއް ހުޅުމާލޭގައި މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ އަހަރީ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަބުދުﷲ ޖަމީލް ވަނީ ގައުމަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކޮށް، ގޭންގު ކުށްތަކާއި މާރާމާރީތައް ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެގޮތުން މަސްތުވާތެކެތި ރާއްޖެ އެތެރެވާ ގޮތާއި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމަށް ހުޅުވިފައިވާ ހުރިހާ މަގެއް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހުއްޓުމަކަށް ގެނައުމަކީ ރައްޔިތުންގެ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި ގޭންގު ހަދައިގެން ހިންގާ ކުއްތަކާއި މާރާމާރީ އާއި ބޮޑެތި ޖަރީމަތައް، ހުރިހާ ބާރެއްގެ ބޭނުންކޮށްގެން ހުއްޓުވައިދިނުމަށް ވެސް ހޯމް މިނިސްޓަރު ފުލުހުންގެ ކިބައިން އެދިވަޑައިގަތެވެ.

ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަމާ ހިމާޔަތް ތަފާތު ކުރުމެއްނެތި ލިއްބައި ދިނުމަށް ވެސް ފުލުހުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.

އަދި ރައީސް ނަޝީދުގެ ވެރިކަން ނިމިގެންދިޔަ ދުވަހު ގާނޫނު އަސާސީ ނަގަހައްޓައި ގާނޫނީ ހުކޫމާތްތައް ގެންނަން ގޮވާލި ބަޔަކީ ދިވެހި ފުލުހުން ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ނިމިދިޔަ ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކާ އެއަމުރުތަކުގެ ސަބަބުން ގާނޫނު ތަކުގެ މައްޗަށް ފަސްއެޅި، ޝަރުއީ ދާއިރާގެ ބާރު ކެނޑި، ސިޔާސީ ޕާޓީ ތަކުގެ ދައުރުނެތިގޮސް ޣައިރު ގާނޫނީ އަމުރުތަކުގެ އަސީރުންނަށް ދިވެހި ފުލުހުންނާ ސިފައިން ހަދަމުންގެންދިޔަ ދިއުން. ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓައި ދަމަހައްޓައި ގާނޫނީ ހުކޫމާތްތައް ގެންނަން ގޮވާލި ބަޔަކީ ދިވެހި ފުލުހުން،" ހޯމް މިނިސްޓަރު ޑރ. ޖަމީލް ވިދާޅުވި އެވެ.

އެދުވަހު ދިވެހި ފުލުހުންގެ މުއައްސާގެ މިނިވަންކަމާއި އިތުބާރާ ޔަގީންކަން ރައްޔިތުންނަށް ދައްކުވައިދިން ކަމަށް ވިދާޅުވެ، އެކަމަށްޓަކައި ދިވެހި ފުލުހުންނަށް "ސެލިއުޓް" ކުރާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި ފުލުހުން އެދުވަހު ދައްކުވައި ދިނީ ދޮންބަންޑާރައިން މިގައުމަށް މިނިވަންކަން ހޯދައިދިނުމަށް ކޮށްދެއްވިފަދަ ޖިހާދު ފަދަ ޖިހާދެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ. އަދި އެދުވަހު ނުކުތް ކޮންމެ ފުލުހަކީ ގައުމީ ބަތަލެއް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

މިސަރުކާރުން އެއްވެސް އިރެއްގައި އަދި ހާލަތެއްގައި ވެސް ފުލުހުންގެ މައްޗަށް ޣައިރު ގާނޫނީ އެއްވެސް އަމުރެއް ނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ހޯމްމިނިސްޓަރު ވެސް ވަނީ ދެއްވާފަ އެވެ.

އަދި އަށެއް ފެބްރުއަރީގެ ހަދިސާގައި ހިނގާދިޔަ ކަންތައްތައް ކުށްވެރިކުރައްވާ ޑރ. ޖަމީލް ވިދާޅުވީ އެދުވަހު ފުލުހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން ދޭނެ ކަމަށެވެ.