ނިއުކާސަލް ޔުނައިޓެޑުން ރެއާލް ސޮސިއެޑާޑްގެ އެލެގްޒެންޑާ އިސާކްގެ ސޮއި ހޯދުމަށް އެއްބަސްވުމަކަށް އައިސްފައިވާކަމަށް އެ ކުލަބުން ބުނެފިއެވެ.

ނިއުކާސަލްއިން އިސާކްގެ ސޮއި ހޯދާފައިވަނީ 60 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފައެވެ.

އިސާކްއަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ޒުވާން ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއަކަށް ވާއިރު އޭނާ ހޯދުމަށް ގިނަ ކުލަބުތަކަކުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން އާސެނަލްއިން ގަބްރިއާލް ޖޫސުސް ގެނައުމުގެ ކުރިން އިސާކް ހޯދުމަށް ވަނީ މަސައްކަތްކޮށްފައެވެ.

އޭނާ ވަނީ 2019 ވަނަ އަހަރު ބްރޫޝިއާ ޑޯޓްމަންޑުން ސޮސިއެޑާޑް އަށް ބަދަލުވުމަށްފަހު ލަލީގާގައި ކުޅުނު 105 މެޗުގައި 33 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ވޭތެވެދިޔަ ޔޫރޯގައި ސްވިޑެންގެ ގައުމީ ޓީމުގައި ވަނީ ތަފާތު ކުޅުމެއް ކުޅެފައެވެ. އޭނާ ގައުމީ ޓީމަށް ކުޅުނު 37 މެޗުގައި ވަނީ ނުވަ ގޯލު ޖަހައިފައެވެ.

އޭނާ ވެގެންދާނީ މެޓް ޓާގެޓާއި، ނިކް ޕޯޕް އަދި ސްވެން ބޮޓްމަންއަށް ބަދަލުވުމަށްފަހު، މި ޓްރާންސްފާ މާކެޓުގައި ނިއުކާސަލްއަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.