27 Aug 2022, 16:27
މި އަހަރުގެ އެފްއެޗްއޭއެމް ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިވެހި އެކްސްޕޯ ސާވިސަސް އާއި ބޭރުގެ ސީޑީސީ އިވެންޓްސްއިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ އެ އެގްޒިބިޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
އެ އިންޓަނޭޝަނަލް އެގްޒިބިޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެއެވެ. އަދި މި އެގްޒިބިޝްންއަކީ ގިނަ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބޭނެ ހަރަކާތެކެވެ.
އެފްއެޗްއޭއެމްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ 75 އަށް ވުރެ ގިނަ ރިސޯޓު ތަމްސީލުކުރާ 30 އަށް ވުރެ ގިނަ ޤައުމުގެ ޝެފުންގެ ބައިވެރިވުމާއެކު ބާއްވާ މުބާރާތެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު ދިރާގުން ބުނީ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެ ދާއިރާ ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށް ކަމަށެވެ.