ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސަލީމް ]މާޒު ސަލީމް[ގެ ގެއަށް މިރޭ ބަޔަކު ވަދެ އޭނާ އަށް ހަމަލާދީފި ކަމަށް އާއިލާ އިން ބުނެފި އެވެ.

ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ސަލީމްގެ އަންހެނުން ބުނީ ސަލީމަށް ހަމަލާދީފައި ވަނީ މިރޭ 10:50 އެހާކަންހާ އިރު އެގެއަށް އައި ދެ މީހަކު ކަމަށާއި އެމީހުން އެގެއަށް ވަނީ އެގޭ ކައުންޓަރުގައި އިންކުއްޖާ އާ މާރާމާރީ ހިންގުމަށް ފަހު ގަދަކަމުން ކަމަށެވެ.

ސަލީމު ގެއަށް ބަޔަކު ވަދެ، އޭނާ އަށް ހަމަލާދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ ވިދާޅުވީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސަލީމުގެ އަންހެނުން ބުނީ ފުރަތަމަ މިރޭ އޭނާ ބޭރުން ގެއަށް އައިސް ވަންނަނިކޮށް ފިރެހެން ކުއްޖަކު އައިސް ސަލީމް ގޭގައި އުޅޭތޯ ސުވާލުކުރި ކަމަށާއި އޭނާ އެގޮތަށް ސުވާލުކުރުމުން ސަލީމް އުޅޭކަމެއް ނޭނގޭ ކަމަށް އެމީހާ ކައިރީ ބުނި ކަމަށެވެ.

"އަޅުގަނޑު ބޭރަށް ގޮސްފައި ގެއަށް އައިސް ވަންނަނިކޮށް އެ ފިރިހެން ކުއްޖާ އައިސް ގެއަށް ވަންނަނީ. ދެން އަޅުގަނޑު ކައިރީ ބުނީ ގެއަށް ވައްދާށޭ. ދެން އަޅުގަނޑު ކައިރީ ބުނީ ސަލީމް ކޮބާހޭ. އަޅުގަނޑު ބުނިން ސަލީމް އުޅޭކަމެއް ނޭނގެޔޭ އަޅުގަނޑު މިއައީ ބޭރުންނޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ސަލީމް ނޫޅޭ ކަމަށް ބުނުމުން ސަލީމް އުޅޭ ކަމަށް ބުނެ ގަދަކަމުން ގެއަށް ވަންނަން އުޅުމުން އޭނާ ގޭގެ ދޮރު ލެއްޕި ކަމަށާއި ދޮރުލެއްޕުމުން ދޮރުހުޅުވުމަށް އެމީހާ އެދުނު ކަމަށެވެ. އަދި ބުނީ ދޮރު ނުހުޅުވާނެ ކަމަށް އެމީހާ ގާތު ބުނުމުން ގޭގެ ކައުންޓަރުގައި އިން ކުއްޖާ އާއި މާރާމާރީ ހިންގުމަށް ފަހު ގެއަށް ވަނީ ކަމަށެވެ.

"ގޭގެ ކައުންޓަރުގައި އިންމީހާ ކައިރީ ވެސް ބުނި ވައްދާށޭ. ބުނީމަ އޭނަ ބުނީ ނުހުޅުވާނަމޭ. ދެން އޭނާގެ ގައިގައި ވެސް ތަޅައިގެންފައި ގެއަށް ވަނީ. ދެން އަޅުގަނޑު މައްޗަށް ގޮސް ސަލީމް ކައިރީ ބުނިން ކުދިނަތްކެއް އެބައުޅެޔޭ. ދެން ސަލީމް ތިރިޔަށް އައުމުން ތަޅައިގަތީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެމީހާ އުޅޭ ވާހަކަ ސަލީމް ކައިރީ ބުނުމުން ސަލީމް މަތީގައި ހުރެފައި ތިރިއަށް އައިތަނާ ދެ މީހަކު ވެގެން ސަލީމްގެ ގައިގައި ތަޅައިގަތީ ކަމަށެވެ. އަދި ބުނީ ސަލީމްގެ ބޮލަށާއި ގައިގެ އެކިތަންތަނަށް އެކިވަރުގެ ޒަޚަމްތައް ވެފައިވާ ކަމަށެވެ.

އޭނާ ބުނީ ސަލީމް އަށް ލިބުނު ޒަޚަމްތަކަށް ފަރުވާހޯދުމަށް މިރޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ސަލީމްގެ ގައިގައި ތަޅައި މާރާމާރީ ހިންގުމަށް ފަހު އެމީހުން އެގޭގައި ހުރި ބައެއް އިލެކްޓޯނިކް ސާމާނުތަކަށް ވެސް ގެއްލުންދީފައިވާ ކަމަށް ވެސް ސަލީމްގެ އަންހެނުން ބުންޏެވެ.