ކިޔަވައިދޭ މާހައުލަކީ ދަރިވަރުންނާއި ޓީޗަރުންނަށް އެންމެ އެކަށޭނަ މާހައުލަށް ހެދުމަށް ސްކޫލުތަކުން އެދޭނެކަން ކަށަވަރެވެ.

އެންމެ ފުރިހަމަ ލާނިން އެންވާރަމަންޓެއް އުފެއްދުމަށް ޓަކައި އަބަދުވެސް އެކި އާ ކަންކަން ކުރެވިދާނެއެވެ. އާ އުކުޅުތައް ތައާރަފުކުރެވޭނެއެވެ. އަދި ކިޔަވައިދިނުމުގެ އެފަދަ އާ އުކުޅުތައް މުދައްރިސުންނަށް ދަސްކޮށްދިނުމާއި، ކިޔެވުމުގެ އާ އުކުޅުތަކަށް ދަރިވަރުން ހޭލުންތެރިކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

ސްކޫލެއްގެ ދިރުމަކީ އެތަނުގައި ކިޔަވާކުދިންނާއި އެކުދިންނަށް ކިޔަވައިދޭ ޓީޗަރުން ކަމުގައި ވާތީ މިއީ ކޮންމެ ސްކޫލަކަށް ވެސް މުހިންމު ވާނެ ކަންކަމެވެ.

އެލައިޑް އިންޝުއަރަންސްގެ ސީއެސްއާރުގެ ދަށުން ހިންގާ "ޕްރީމިއަމް ފޯރ ގުޑް އިނީޝިއޭޓިވްސް"ގެ ތެރެއިން ތައާރަފުކުރި "އެލައިޑް އެޑިއުކޭޝަން ފަންޑް"އަކީ މިފަދަ ކަންކަން ކުރުމަށް ސަރުކާރު ސްކޫލުތަކަށް އެހީތެރިކަން ދިނުމަށް އުފެއްދި ފަންޑެކެވެ.

އަށް ސްކޫލަކަށް 25,000 ރުފިޔާގެ ފައިސާގެ އެހީ އެލައިޑް އެޑިއުކޭޝަން ފަންޑުން ހުށަހަޅާފައި ވަނީ ދަރިވަރުންނާއި ޓީޗަރުންގެ ފައިދާއަށް ޓަކައި ކުރާ މަސައްކަތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

އެލައިޑްގެ އެޑިއުކޭޝަން ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނީ ސްކޫލުތަކުގެ ލައިބްރަރީތައް ތަރައްގީކުރުމަށް، ސްކޫލުގައި ކިޔަވައިދޭން އެހީތެރިވެދޭ ޓީޗިންގް ޓޫލްސް ހޯދައި ތަރައްގީކުރުމަށް، ސްކޫލުތަކުގެ ލެބޯރަޓޯރީތަކަށް އަދި ސްކޫލުގެ މުދައްރިސުންނާއި ދަރިވަރުންގެ ހުނަރު ތަރައްގީކުރުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ.

ހިންގަން އެދޭ ޕްރޮޖެކްޓަކީ ދިގު މުއްދަތަށް އޭގެ ފައިދާ ދަރިވަރުންނަށާއި މުދައްރިސުންނަށާއި ސްކޫލަށް ކުރާނެ މަސައްކަތަކަށް ވާން ވާނެއެވެ. ސްކޫލުގައި މިފަދަ ޕްރޮޖެކްޓެއް ހިންގުމަށް ޓަކައި އެލައިޑް އެޑިއުކޭޝަން ފަންޑުގެ އެހީއަށް އެދޭނީ އެކަމަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމު މެދުވެރިކޮށް އަންނަ ބުދަ ދުވަހުގެ ހަވީރު 16:00 ގެ ކުރިންނެވެ.

ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކުގައި ސްކޫލުގެ ރަސްމީ ތައްގަނޑާއި ސްކޫލުގެ އިސްވެރިޔާގެ ހައިސިއްޔަތުން ޕްރިންސިޕަލްގެ ސޮއި ހިމަނަން ވާނެއެވެ.

އެލައިޑް އެޑިއުކޭޝަން ފަންޑާއި އެ ފަންޑުން އެހީތެރިކަން ލިބޭ ފަރާތްތައް ކަނޑައެޅުމުގައި މާކްސް ދޭ މިންގަނޑާއި އިތުރު މައުލޫމާތު އެލައިޑްގެވެބްސައިޓުންލިބެން ހުންނާނެއެވެ.