ނުރަސްމީ ދަތުރެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ އިންޑިއާއަށް ނަޝީދު ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށްވާތީ އެކަމާ ގުޅޭ ތަފްސީލެއް އެ އިދާރާއަށް ނޭނގޭ ކަމަށެވެ.

"ނުރަސްމީ ދަތުރުފުޅެއް ކަން އެނގެނި. ހަމަ އެކަނި މިކޮޅަށް އެނގިފަވަނީ މިއަދު ހެނދުނު ފުރިކަން،" އޭނާ ވިދާޅުވިއެވެ.

މިއަދު ހެނދުނު ނުރަސްމީ ދަތުރުފުޅެއްގައި ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންނެވިއިރު، މި އަހަރުގެ އޭޕްރީލް މަހު ވެސް އެމަނިކުފާނު ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

އެ ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސް "ރޮއިސިނާ ޑައިލޮގް"ގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ކުރެއްވި ދަތުރުފުޅެކެވެ.

އެ ނޫނަސް ނަޝީދު ފާހަގަކޮށްލެވެނީ އިންޑިއާއާއެކު ސިޔާސީ ގާތްގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގައެވެ.