މަސްދަރު ހާމަ ކުރަން އެންގޭނީ ހަމައެކަނި ހައި ކޯޓަށް ކަމަށް ބުނާ އިސްލާހެއް ހެއްކާ ބެހޭ ގާނޫނަށް ގެނައުމަށް އެދި ބިލެއް ހުށަހެޅުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އާއި މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ)އިން ތައްޔާރުވެއްޖެއެވެ.

އެ ދެ ޖަމިއްޔާއިން އެކުލަވާލާފައިވާ އިސްލާހުތަކަށް ޚިޔާލު ހޯދަން ހުޅުވާލާފައިވާއިރު ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހުކުރު ދުވަހުގެ މެންދަމު 12:00އެވެ.

އެމްޖޭއޭއާއި އެމްއީޖީއިން ޑްރާފްޓް ކޮށްފައިވާ ބިލުގައި ވަނީ މަސްދަރު ހާމަ ކުރަން އެންގޭނީ ހަމައެކަނި ހައި ކޯޓަށް ކަމަށް ހެއްކާ ބެހޭ ގާނޫނުގައި ހިމެނުމަށެވެ. އަދި އެ ގާނޫނުގައި ޓެރަރިޒަމްގެ ކުށަކީ ކޮބައިކަން ވަކިން ބަޔާންކޮށްފައި ނެތުމުން، ޑްރާފްޓް ބިލުގައި ވަނީ ޓެރަރިޒަމްގެ ކުށަކީ ކޮބައިކަން ތަފްސީލުކޮށް ބުނެދިނުމަށް އެދިފައެވެ.

އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޓެރަރިޒަމްގެ ކުށެއް ކަމަށް ބެލެވޭނެ ކުށްތަކަކީ:

  • މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން

  • ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން

  • ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން

  • މުދަލަށް ބޮޑެތި ގެއްލުން ދިނުން

  • ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން

  • އާންމުން ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް ކުރިމަތިކުރުވުން

  • މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތް މެދުކަނޑުވާލުން

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ޖޫން މަހުގެ 30ގައެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބިލު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 18ގައެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގައެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާހެން ހެއްކާބެހޭ ގާނޫނު ތަސްދީގު ކުރުމާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް, އެމްޖޭއޭއިން ވަނީ މިދިޔަ މަހުގެ 31ގައި ރައީސް ޞާލިޙާ ހިއްސާކޮށްފައެވެ.

ނޫސްވެރިންގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު ރައީސް ވިދާޅުވީ ހެއްކާބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމް އެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، ގާނޫނު އިސްލާހުކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަަމަށެވެ.