އިނގިރޭސިވިލާތުގައި 92 އަހަރުގެ މީހަކު ޖީސީއެސްސީ އިމްތިހާނެއް ހަދައި، އެ އިމްތިހާނުން ހާސިލު ކުރެވެން އޮތް އެންމެ މަތީ ފާސް ހޯދައިފިއެވެ.

އިނގިރޭސި ނޫސްތަކުގައިވާ ގޮތުން ޑެރެކް ސްކިޕާ ކިޔާ 92 އަހަރުގެ މީހަކު ވަނީ މިދިޔަ ޖޫން މަހު ޖީސީއެސްއީ ފައުންޑޭޝަން ލެވެލްގެ ހިސާބު އިމްތިހާނެއް ހަދާފައެވެ. އެހެންކަމުން އޭނާއަކީ އެގައުމުގައި ޖީސީއެސްއީ އިމްތިހާނެއް ހެދި އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށް ބެލެވެއެވެ.

ސްކިޕާ ބައިވެރިވި އިމްތިހާނުން އޭނާއަށް ލިބުނު ގްރޭޑަކީ އެ އިމްތިހާނުން ލިބޭ އެންމެ މަތީ ފާސް ކަމަށްވާ ގްރޭޑް ފަހެކެވެ.

"އަޅުގަނޑު ވަރަށް އުފާވެއްޖެ. މިއަދު ނަތީޖާ ބަލާލި އިރު ލިބިފަ އޮތީ ފަހެއް، އެއީ އަޅުގަނޑު ހެދި ޖީސީއެސްއީ ހިސާބު ކޯހުން ލިބޭ އެންމެ މަތީ ފާސް. އެހެންވީމަ އެ ނަތީޖާ ލިބުމުން ވަރަށް އުފާވޭ،" ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ސްކިޕާ ބުނި ގޮތުގައި އޭނާ އެންމެ ފަހުން ހިސާބު އިމްތިހާނެއް ހެދީ 1946ގައެވެ. އޭރު ހިސާބު އެހާ ރަނގަޅަށް ނޭނގޭ ކަމަށާއި ނަމަވެސް ހިސާބަކީ އުނގެނެން ވަރަށް ރަނގަޅު މާއްދާއެއްކަން މިހާރު ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

ސްކިޕާ ބުނި ގޮތުގައި އޭނާ އެ އިމްތިހާނު ހަދަން ނިންމީ، އެ ފައުންޑޭޝަން ކޯހުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ބައެއް މީހުންނަށް ދޭން އޭނާ ދިރިއުޅޭ އަވަށުން ނިންމުމުންނެވެ. އެ ކޯހުގައި އޭނާ ބައިވެރިވީ ޒޫމް މެދުވެރިކޮށެވެ. އަދި އިމްތިހާނު ހެދީ ކަލްކިއުލޭޓަރަކާއި ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެންނެވެ.

"އެހާ ރަނގަޅަށް [ކަރުދާސް] ނުފެންނާތީ ފެއިލްވި ނަމަވެސް ހައިރާނެއް ނުވާނެ. އެކަމަކު ބޮޑުވާ ބިއްލޫރި ބޭނުން ކުރީމަ [އިމްތިހާނު] ދިޔައީ ރަނގަޅަށް. ފާސްވިޔަސް ފެއިލްވިޔަސް އެއީ މައްސަލައެއް ކަމަށް ނުދެކެން، އަހަރެން އެކަން ކުރީ އަމިއްލަ ހިތްހަމަޖެހުމަކަށް،" ސްކިޕާ ބުންޏެވެ.

އިތުރު އިމްތިހާނެއްގައި ބައިވެރިވާނެތޯ ސުވާލުކުރުމުން ސްކިޕާ ބުނީ މި އިމްތިހާނުން ލިބުނު މަތީ ފާހާއެކު ދެން އެ މަސައްކަތް ނިންމާލާނީ ކަމަށެވެ.