30 Mar 2012, 00:08
މުޖުތަމައުގައި ހުރި ކުށުގެ އަމަލުތައް ނައްތާލުމަށް ޓަކައި، ހަދަން ޖެހޭ ގާނޫނުތައް ހެދުމުގައި ގައުމީ ރޫހެއްގައި މަސައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކިބައިން ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު އެދިވަޑައިގެންފި އެވެ.
ފުލުހުންގެ 79 އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން އިސްކަންދަރުކޮށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ މުޖުތަމައުގައި އަށަގަނެފައި ހުރި ކުށުގެ އަމަލުތައް ނައްތާލުމަށް، ގާނޫނުތައް ވުޖޫދަށް އަންނަން ޖެހޭ ކަމަށެވެ. އަދި އެ ގާނޫނުތައް މަޑުޖެހިފައި ހުރުމުގެ ބަދަލުގައި، ގާނޫނުތަކަށް ވެގެންދިއުމަކީ ކުށުގެ މާހައުލު ނައްތާލުމަށް ފުލުހުން ކުރާ މަސައްކަތައް އިތުރުބާރަކާއި ހަލުއި ކަމެއް ލިބޭނެ ކަމެއް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އަދި ގައުމީ ރޫހެއްގައި އެކަން ކޮށްދިނުމަށް މަޖިލީހުގެ މެމްބަރުން ކިބައިން ކޮމިޝަނަރު ވަނީ އެދިވަޑައިގެންފަ އެވެ.
ދައުލަތުގެ މުދަލަށް ގެއްލުންދޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ވިދާޅުވެ، ކޮމިޝަނަރު ވަނީ ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ތިބޭ އިރު ލިބޭ ގެއްލުން ފޫބައްދައިދޭނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
"ދައުލަތުގެ މުދަލަށް ގެއްލުންދޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އަޅުގަނޑު ފަހެއް ނުޖެހޭނަން. ގާނޫނީ ގޮތުން ފުލުހުންނަށް ލިބިދޭ ރައްކާތެރިކަމާއި ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ތިބޭއިރު ލިބޭ ގެއްލުން ފޫބައްދައިދޭނެ ކަމަށް ފުލުހުންނަށް އަޅުގަނޑު ވައުދުވަން،" ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ފުލުހުންނަކީ އެބައެއްގެ ގިނަ ވަގުތު ގައުމީ ޚިދުމަތުގައި ތިބޭ ބަޔަކަށް ވާތީ، ފުލުހުންގެ އާއިލާތަކަށް ދުޅަހެޔޮ ދިރިއުޅުމެއް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި، ފުލުހުންނަށް ހާއްސަކޮށް ހައުންސިން ސުކީމް ފެއްޓުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އާއި ހައުސިން މިނިސްޓަރުން ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ފުލުހުންގެ އޮނިގަނޑަށް އައި ބަދަލުގެ ތެރެއިން ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް އަވަހަށް ބެލޭނެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ކޮންމެ ފުލުހަކީ ވެސް އެމީހެއްގެ އަމަލުތަކަށް ޖަވާބުދާރީވާން ޖެހޭ ފުލުހަކަށް ވާތީ ގާނޫނީ އިމުގެ ތެރޭ ހުރިހާ ފުލުހުންގެ އަމަލުތައް ބެހެއްޓުމަށް ކޮމިޝަނަރު ވަނީ ގޮވާލައްވައިފަ އެވެ.
މިދިޔަ އަހަރު ވެސް ވަނީ 87 ފުލުހަކާ ދޭތެރޭ ފިޔަވަޅު އަޅާފަ އެވެ.
ނަތީޖާ ނުނެރެވެނީ ނަމަ ފުލުހުންގެ ޚިދުމަތް ރައްޔިތުން ބަލައިނުގަންނާނެ ކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ ކުށްކުރާ މިންވަރު މަދުކޮށް، ތަހުގީގުކުރާ މައްސަލަތައް ޝަރީއަތަށް ސާބިތުކުރެވޭ މިންވަރު އިތުރު ކުރާނެ ކަމަށެވެ.
ވޭތުވެދިޔަ 2010 ވަނަ އަހަރާ ޚިލާފަށް 2011 އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ ވައްކަމާއި މާރާމާރީ އާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ބަދުއަޚްލާގީ އަމަލު ހިންގުމާއި، ގެވެށިއަނިޔާގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުން އިތުރުވެފައިވާ ކަމަށެވެ.
މުޖުތަމައަށް އަންނަ ބަދަލުތަކާ އެކު ފުލުހުންގެ މަސައްކަތަށް ވަރަށް ބޮޑު ގޮންޖެހުމެއް އަންނާނެ ކަން ފާހަގަ ކުރައްވައި ކޮމިޝަނާ ވިދާޅުވީ މިދިޔަ މަހު ފުލުހުންގެ ލީޑަޝިޕަށް އައި ބަދަލާ އެކު ބަދަލުތަކެއް ފުލުހުންގެ މުއައްސަސާއަށް އަންނާނެ ކަމަށެވެ. އަދި އެއިން ކޮންމެ ބަދަލެއް ވެސް އަންނާނީ ފުލުހުންގެ އެގްޒެކްޓިވް ބޯޑަށް ހުށަހެޅިގެން ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.