27 Aug 2022, 09:41
"އެކަމަކުވާ ދަރިފުޅާ!... ދަރިފުޅު ތިހެން ނުކައި އައީމަ ޔާނިޝްގެ މަންމަމެން ކިހާ ދެރަވާނެ... އެމީހުން ހީކުރާނީ އެގޭގަ ކައްކާ އެއްޗެހި ނުބައިވީމަ ކަމަށް ދަރިފުޅު ނުކަނީ..." މަންމަ ދެފަރާތަށް ބޯ ހޫރައިލިއެވެ.
ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން، އަހަންނަށް ބަލައިލެވުނީ ޔާނިޝްގެ މޫނަށެވެ. އަހަންނަށް ބަލަން އިނދެފައި ޔާނިޝް އިސްޖަހައިލިއެވެ.
********
"ހިނގާ އަވަހަށް ސައިބޯން..." މަންމަ ތެދުވިއެވެ. "މަންމަ އެހާ ގިނަ ރޮއްޓެއްވެސް ނުފިހަން މިއަދު... ހުރި އެއްޗަކުން ފުއްދަން ޖެހޭނީ ދެން މިއަދު..."
މަންމަ އާއި އެކުގައި ހިނގައިގަނެފައިވެސް ޔާނިޝް ހުއްޓުނެވެ. ފަސްއެނބުރި އަހަންނާއި ދިމާއަށް ބަލައިލިއެވެ. އަހަރެން އަންނަންދެން މަޑުކޮށްގެން ހުރީމޭ ބުނި ކަހަލައެވެ. އެ ފިރިހެންވަންތަ މޫނުން މަކަރުވެރިކަމުގެ އެއްވެސް ކުލަވަރެއް ނުފެންނަހާ މައުސޫމެވެ. އަހަންނަށް ތުން ފިއްތައިލެވުނެވެ. އިން ތަނުން ގުޑިލަންވެސް ބޭނުމެއް ނުވިއެވެ. ޔާނިޝްއަކީ މަކަރުވެރިއެކެވެ. މަންމަގެ ލޮލުގައި އަނދުން އަޅުވާފައި، އަހަރެންގެ ދިރިއުޅުން ހަފުސްކޮށްލާއިރުވެސް މަންމަ އެހުންނަނީ ޔާނިޝް އާއި ހެދި މޮޔަވެފައެވެ.
އަހަންނަށް ހަގީގަތް ފަޅާއެރުމުން ކަންނޭނގެއެވެ. ސައިބޯން އިންއިރު، ޔާނިޝް އިނީ ހިމޭންވެފައެވެ. މަންމަ އެއްޗެއް ބުނިއްޔާ ނޫނީ އަނގަޔަކުން ނުބުނެއެވެ. އެކަންތައް މަންމަގެ ސަމާލުކަމަށް އަންނާނެކަން އަހަންނަށް އެނގެއެވެ.
އަހަންނަށް ރޮށްޓެއް ނުކެވިގެން އުޅެނިކޮށް ޔާނިޝް ސައިބޮއެ ނިންމާލާފައި، ތެދުވިއެވެ.
"ދަރިފުޅާ ހާދަ އަވަހަކަށް ތި ނިންމާލީ... މައްސުނި ނުބައީތަ؟..." މަންމަ ސުވާލުކުރިއެވެ.
"ނޫން، ވަރަށް މީރު... ތިން ރޮށި ކެވިއްޖެ... މިހިރީ ބޮޑު ބަނޑެއްވެސް ލާފަ..." ޔާނިޝް އެއް ފަހަރު އަހަންނަށް އަނެއް ފަހަރު މަންމަގެ މޫނަށް ބަލައިލިއެވެ. "ވަރަށް އަވަހަށް ތަނަކަށް ދާންޖެހިގެން އަވަސްކޮށްލީ.... ރުއާ ބޭނުމިއްޔާ އެންމެ ރަނގަޅު މިކޮޅުގަ މަޑުކުރިޔަސް..."
ލިބުނު އުފަލެއްގެ ބޮޑުކަމުން އަހަންނަށް ބޯ ޖަހައިލެވުނު ގޮތްވެސް ނޭނގުނެވެ. ޔާނިޝް ދިޔައީ ފަހުން އަހަރެން ބަލާ އަންނާނެ ކަމަށް ބުނެފައެވެ.
"ދަރިފުޅުމެން މައްސަލައެއް ޖެހުނީތަ؟..." މަންމަ އިނީ ޝައްކުގެ ނަޒަރަކުން އަހަންނަށް ބަލާށެވެ.
"އޭނ؟..." އަހަރެން ދިޔައީ ސިއްސައިގެންނެވެ.
"މަންމައަކަށް ހިއެއްނުވޭ ޔާނިޝް އެހާ އުފާވެފަ ހުރިހެނެއް..." ޝަކުވާގެ ރާގަކަށް މަންމަ ބުނެލިއެވެ. "ކައިވެނީގެ ފުރަތަމަ ދުވަހު ތިހެން މައްސަލަ ޖެހެންޏާ، ކުރިއަށް އޮތްތަނުގަ ދަރިފުޅުމެން ކިހިނެތް އެކީ އުޅޭނީ؟..."
"އަޅުގަނޑުވެސް އުފަލެއް ނުވޭ... އެއްވެސް ވަރަކަށް އުފަލެއް ނުވޭ..." އަހަރެންގެ ދުލުން އެ ލަފުޒު ބޭރުވީ އިހުތިޔާރަކާއި ނުލައެވެ.
އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަހަރެންގެ އުފަލަށްވުރެ، މަންމައަށް މުހިއްމު ވަނީ ޔާނިޝްއެވެ. އަހަރެން ހުރީ އުފަލުގައިތޯ އެއްފަހަރުވެސް ނާހަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން މަންމައަށްޓަކައި ގުރުބާން ކުރިކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ މަންމައަށެވެ.
"ދަރިފުޅާ!... ކައިވެންޏަށްފަހު ލޯބިވެސްވާނެ... އެދުވަހަކުން ދަރިފުޅަށް ވިސްނޭނެ މަންމަ މިވާހަކަ މިދައްކަނީ ކީއްވެކަން...." މަންމަ ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގަކަށެވެ.
********
ޔާނިޝް އައީ ރޭގަނޑު އަށެއްވެސް ޖެހި ފަހުންނެވެ. އައިއިރު ލައިގެން ހުރީ ހެނދުނު ގެއިން ނުކުމެގެން ދިޔައިރު ލައިގެން ހުރި އެއްޗެއްސެއް ނޫނެވެ. ޔާނިޝްގެ ސިއްރުވެރިކަމެއް އެބަހުއްޓެވެ. ކޮންމެވެސް ސިއްރުކަމެއް އޭނާ އެބަ ކުރެއެވެ. އެހެންނޫނީ ޔާނިޝްގެ ގެއަށް އަހަރެން ނުގެންދަންވީ ސަބަބެއް ނެތެވެ.
ކައިގެން ގެއިން ނުކުތްއިރު، އުޑުމަތި އޮތީ ބަނަކޮށްލާފައެވެ. ޖެހެމުންދިޔައީ ތެތް ފިނި ރޯޅިތަކެކެވެ. ޔާނިޝް މާގިނަ ވާހަކައެއް ނުދައްކައެވެ. އަހަރެން ސައިކަލަށް އެރުމާއިއެކު ދުއްވައިލިއެވެ. އަހަރެމެން އުޅޭ ހޮޓަލާއި ހަމައަށް ދެވުނީ ކިރިޔާއެވެ. ވާރޭ ބޯކޮށްލިއެވެ. އެތެރެއަށް ވަންއިރު ދެމީހުންވެސް ތިބީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.
"ރުއާ ދޭ މައްޗަށް އަހަރެން އެބަ ދަން އެއްޗެއް ހިފައިގެން..." ކައުންޓަރާއި ހަމައިން ޔާނިޝް މަޑުކުރިއެވެ.
ލިފްޓްގެ ތެރެއަށް ވަދެފައިވެސް އަހަރެން ނުކުތީ، ޔާނިޝް ކުރާ ކަމެއް ބަލަން ބޭނުންވެގެންނެވެ. ކައުންޓަރުގެ ކައިރީގައި ހުރި ކުއްޖާ އާއި ވާހަކަ ދައްކަން ޔާނިޝް ހުރީ އަހަންނަށް ފުރަގަސްދީގެންނެވެ. ކުއްލިއަކަށް ފެނުނީ، ކައުންޓަރުގައި އިން ކުއްޖާ ޔާނިޝްގެ އަތަށް ވަޅިއެއް ދިން ތަނެވެ. އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބިރުން މޭގައި ހިފަހައްޓައިލެވުނެވެ.
އަހަރެން ގެއަށް ލާފައި ޔާނިޝް ކުރި ކަމަކީ އެއީ ހެއްޔެވެ؟ ހަގީގަތް ފަޅާއެރުމުން އަހަރެންގެ ކިބައިން ސަލާމަތްވާނެ ގޮތެއް ހޯދުން ހެއްޔެވެ؟ ހަދަންވީ ގޮތެއް ނޭނގިފައި ހުއްޓާ، ޔާނިޝް އެނބުރިލަން އުޅޭހެން ހީވިއެވެ. އަހަންނަށް ލިފްޓަށް ވަދެވުނު ގޮތްވެސް ނޭނގުނެވެ. ފިތްތަކަށް ފިތަމުންދިޔައިރު، އަހަރެންގެ ހިތް ހީވަނީ މޭފަޅާފައި ނުކުމެދާނޭ ހެންނެވެ. ލިފްޓް މައްޗަށް އެރިކަން އެނގުނެވެ. ދެން ފެނުނީ ދޮރު ހުޅުވުނު ތަނެވެ.
ކޮޓަރިއަށް ވަންނަން ތަޅުގައި ހިފައިލިއިރު، އަހަރެންގެ ދެއަތް ތުރުތުރުއަޅައެވެ. ދޮރު ހުޅުވަން އިރުކޮޅަކު މަސައްކަތް ކުރަން ޖެހުނެވެ. މަންމައަށް ގުޅަން ފޯނު ނެގިއިރު ފޯނު އޮތީ ނިވިފައެވެ. ދަބަހުގައި އޮތް ސްޕްރޭފުޅި ނަގައި، ޔާނިޝްގެ މޫނަށް ޖެހުމަށް ތައްޔާރުކޮށްލައިގެން އަހަރެން ހުރީ ދޮރުމަތީގައި ކޮޅަށެވެ. ގިނައިރުތަކެއްނުވެ، ޔާނިޝް ދޮރު ހުޅުވައިލިއެވެ.
ޔާނިޝް ކޮޓަރިއަށް ވަނުމާއިއެކު، އެއް އަތުގައި އޮތް އިސްޓާކީނު އޭނާގެ މޫނާއި ދިމާއަށް ހޫރައިލީމެވެ. އަނެއް އަތުން ސްޕްރޭފުޅި ދިއްކޮށް ފިތުނު ވަރަކަށް ފިތައިލީމެވެ. ހުރިހާ އެއްޗެއް އައީ އަހަރެންގެ މޫނަށެވެ. އެއީ އެފަދަ ވަގުތެއް އައިސްދާނެތީ، އަމިއްލަ ރައްކާތެރިކަމަށް އަހަރެން ތައްޔާރުކުރި އެއްޗެއްސެވެ. އެކަމަކު، އަމިއްލައަށް ފޭހުނު އިލޮށިގަނޑު ހެރުނީ ހަމަ އަހަރެންގެ ލޮލަށެވެ. މޫނުގައި އަސޭމިރުސް ފެން ޖެހުމުން ދިލަ ނަގައިގަތެވެ. ލޯ މަރައިގެން ހުރެވުނުކަން އެއީ ނަސީބެވެ. އެހެންނޫނީ އަހަރެންގެ ދެލޮލުގެ ދުވަސް ދިޔައީހެވެ. އެތައް ދުވަހަކު އަރާފައި، ނުދޮވެ އޮތް އިސްޓާކީނުގެ ނުބައިވަހުން ހޮޑުލެވުނީވެސް އަހަންނަށެވެ.
އަހަންނަށް އެހީވީ ޔާނިޝްއެވެ. ދިލަ ކެނޑެންދެން މޫނު ދޮވެދިނެވެ. ހޮޑުލީއިރު، ބުރަކަށީގައި ފިރުމައިދީ ހެދިއެވެ. ކޭ ހުރިހާ އެއްޗެއް ހޮޑަށް ލެވުމުން އަހަރެންގެ ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. ޔާނިޝް ތުވާލި ހިފައިގެން އައިސް، އަހަރެންގެ މޫނު ފޮހެލަދިނެވެ. އެވަރު ވީއިރުވެސް އަހަރެން ހުރީ ދަބަހުން އަތްދޫނުކުރާން އޭގައި ބާރަށް ހިފަހައްޓައިގެންނެވެ. ޔާނިޝް ދަބަހާއި ދިމާއަށް ބަލައިލި ތަން ފެނުމުން، އަހަރެން އަވަހަށް އެ ފުރަގަހަށްލައި ފޮރުވީމެވެ.
"ހާދަ ހީވެޔޭ ތި ދަބަހުގަ އަދިވެސް ވަރަށް އަގުބޮޑެތި އެއްޗެހި ހުރިހެން..." ޔާނިޝް ލާނެތް ގޮތަކަށް ބުނެލިއެވެ.
އަހަރެން ހީކުރިގޮތާއި ހިލާފަށް ޔާނިޝް ހުރީ ހިތްހަމަނުޖެހިފައެއް ނޫނެވެ. އަހަރެން ގެންގޮސް މޭޒު ކައިރީގައި ބައިންދާފައި ޕެކެޓެއް ކަނޑާލަދިނެވެ. ކުރިންވީ ކަންތަކާއި ބެހޭގޮތުން އޭނާ އެއްވެސް ސުވާލެއް ނުކުރެއެވެ.
"އަހަރެން ފެންވަރައިގެން އަންނަންވާއިރަށް މި ޕެކެޓު ބޮއްޗޭ..." ޔާނިޝް އޯގާތެރި ރާގަކަށް ބުނެލިއެވެ.
އަހަރެން ޕެކެޓާއި ދިމާއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. އެ ހުރިހާ ކަމެއް ކުރުމުންވެސް ޔާނިޝް މާ ހެޔޮވެގެން އުޅެނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އަހަރެންގެ ހުށިޔާރުކަން ފެނި، ޔާނިޝް ބިރުގަތީ ހެއްޔެވެ؟ ނޫނީ ކުރަން އައި ކަންތައް ނުވުމުން، އަހަރެންގެ ސިކުނޑި އާއި ކުޅެލަން އުޅެނީ ހެއްޔެވެ؟
ޔާނިޝް ފެންވަރާ އަޑު އިވެން ފެށުމުން، އަހަރެން އުޅުނީ ކޮޓަރިން ބޭރަށް ނުކުންނާށެވެ. ޔާނިޝް އާއި އެއް ކޮޓަރިއެއްގައި ހުންނާކަށް އަހަންނަކަށް ނުކެރޭނެއެވެ. ކޮފީ މޭޒުމަތީގައި އޮތް ވަޅި އާއި މޭވާ ކޮތަޅު ލޮލުގައި އަޅައިގަތީ ދެނެވެ. ޔާނިޝް ވަޅި ގެނައީ މޭވާ ކޮށަން ހެއްޔެވެ؟ ނޫނެކެވެ. މޭވާ އެއީ ބަހަނާއެކެވެ.
ސިޓިންގްރޫމްގައި ވީ ފަޅުކަމެވެ. ދިއްލާފައިވާ ބޮކީގެ އަލި ފަނޑެވެ. ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިތުގައި އުފެދުނެވެ. އެކަމަކު އެތަނަށްވުރެ ކޮޓަރީގެ ބިރުވެރިކަން ބޮޑެވެ. އަހަންނަކީ ގޭގައި އުޅުނުއިރުވެސް، އެންމެން ނިދުމުން، ކޮޓަރިން ބޭރަށް ނުކުމެއުޅޭ މީހެއް ނޫނެވެ. ހިތް ހަމައަކަށް އަޅުވަމުން ގޮސް، މެހެމާނުން އިށީނުމަށް ބަހައްޓާފައިވާ ސޯފާގައި އިށީނދެލީމެވެ. އަހަރެން ހުރީ ވަރުބަލިވެފައެވެ. ސޯފާގައި އޮށޯވެލެވުނީ ކޮން އިރަކު ކަމެއްވެސް ނޭނގުނެވެ. އިސާހިތަކު ނިދި އަންނަގޮތް ވިއެވެ. އަހަންނަކީ ނިދޭ ވަގުތު ވަރަށް ނިދި ގަދަވާ މީހެކެވެ. ކޮންމެ ކަމެއް ކުރިޔަސް، ބައެއް ފަހަރު ހޭނުލެވެއެވެ. ނިދިފައި އޮތްއިރު، ކޮންމެވެސް މީހަކު ބީހޭހެން ހީވިއެވެ.
އަހަންނަށް ހޭލެވުނީ، އަނެއް ދުވަހު އިރުވެސް އެރި ފަހުންނެވެ. އަހަރެން އޮތީ ސޯފާއަކު ނޫނެވެ. ބޭރުގައެއްވެސް ނޫނެވެ. އަހަރެން އޮތީ، ކޮޓަރި އެނދުގައެވެ. އަހަރެން އެތަނަށް އައީ ކިހިނެތް ހެއްޔެވެ؟ އެ ހުރިހާ ކަމަކަށްވުރެ އަހަރެން ހާސްވީ، ކުރިން ލައިގެން ހުރި އަންނައުނު ބަދަލުވެފައި އޮތުމުންނެވެ.
އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އަހަރެން ލައިގެން އޮތީ އަތްކުރު ޓީޝާޓާއި ސޯޓެކެވެ. އެއީ ކާކުގެ އަންނައުނެއް ހެއްޔެވެ؟ އަހަރެން އެ އެއްޗެހި ލެއްވީ ކާކު ހެއްޔެވެ؟ ކުރިން ލައިގެން ހުރި އަންނައުނު ފެންނަންވެސް ނެތެވެ. މުޅި ހަށިގަނޑުގައި އަތް ޖައްސައިލެވުނެވެ. އަހަރެން އޮތީ، އެތެރެއިންލާ އަންނައުނުތަށްވެސް ނުލައެވެ. ބޮލުގައި ބުރުގާއެއް ނެތެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އަހަރެންގެ މުޅި ނަފުސު ރޮއެގަތް ކަހަލައެވެ. ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ރޭގައި ކަންތައްވީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ ހަނދާނުގައި އެއްވެސް ކަމެއް ނެތީ ކީއްވެ ހެއްޔެވެ؟ ހުވަފެނެއްގެ ސިފައިގައި އަހަންނަށް އިހުސާސް ކުރެވުނީ ހަގީގަތެއް ހެއްޔެވެ؟ ވިސްނާ ވިސްނާވެސް ވީގޮތެއް ނޭނގުނެވެ. އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިލީމެވެ.
"ދަބަސް..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އަހަރެން އެނދުން ތެދުވީމެވެ.
ދަބަސް އޮތީ އަލަމާރީގައެވެ. ހުރިހާ އެއްޗެއް ހަމަތޯ ބަލައިލީމެވެ. އެއްވެސް އެއްޗެއް މަދެއް ނޫނެވެ. އަހަރެންގެ އަންނައުނުތައް ކޮނޑުގައި އަޅުވާފައި ހުއްޓެވެ. އެތެރެއިން ލާ އަންނައުނުތައް ވެސް ހުރީ ކޮނޑުގައި އަޅުވާފައެވެ. ގަތް ލަދުން ރޮވޭވަރު ވިއެވެ. އަވަހަށް އެ އެއްޗެހި ނަގައި ފޮރުވީމެވެ.
ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. ފިލަން ވަންނާނެ އިތުރު ތަނެއް ނެތުމުން ވަދެވުނީ އަލަމާރި ތެރެއަށެވެ. ދޮރު ޖެހުމުން، މުޅި ތަން އަނދިރިވިއެވެ. އަހަރެން އިނީ ދޮރުފަތުގައި ބާރަށް ހިފަހައްޓައިގެންނެވެ.
"ރުއާ..." ޔާނިޝްގެ އަޑު އިވުނެވެ.
(ނުނިމޭ)