26 Aug 2022, 19:02
ނަފްސާނީ ގޮތުން ދުޅަހެޔޮ ނޫން މީހުންނާ ފުލުހުން މުއާމަލާތް ކުރަންޖެހޭ ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށާއި ފުލުހުން އެކަމަށް އަހުލުވެރިވާން ޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު އެހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިން ''އިންސްޕެކްޓާ ކޯސް'' ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުން ކަމަށެވެ.
ސީޕީ ވިދާޅުވީ އިންޓަނެޓާ ގުޅިފައިވާ ޕްލެޓްފޯމްގެ ތެރެއިން ކުށްކުރުން އިތުރުވަމުން އަންނަތަން މިއަދު ފެނިގެންދާ ކަމަށާއި އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަންޖެހިފައިވާ ކަމަށެވެ. އަދި ހާއްސަގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަން ނެތް މީހުންނާ ޑީލްކުރަންޖެހޭ ޖެހުން އިތުރުވަމުން އަންނަކަން ސީޕީ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރޭންކުތަކާއި ރޯލްތަކުގައިތިބޭ ފުލުހުން އެކަންކަމަށް އަހުލުވެރިވެ، ހުނަރުލިބި، ފުލުހުންގެ މަސައްކަތުގެ އޮނިގަނޑު ހަރުދަނާކުރުމަށް މިއަދު އަވަސްވާންޖެހިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުހިނގާނަމަ ފުލުހުން ކިތަންމެ މަސައްކަތެއްކުރި ނަމަވެސް ފުލުހުންގެ މަސައްކަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބުން އެއީ ދުރުކަމެއްކަމުގައި ސީޕީ ފާހަގަކުރެއްވިއެވެ.
ސިޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން އެދޭފަދަ ޚިދުމަތަކަށް ހެދުމަށް ޓަކައި ޒަމާނަށް ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ވިންދު ދެނެގަނެވޭ ފުލުހުން ތިބުން ވަރަށް މުހިންމު ކަމަށެވެ. އަދި އިންސްޕެކްޓާ ކޯހަށް އެހާ އަހަންމިއްޔަތު ކަމެއް ދެވޭ ސަބަބަކީ ވެސް އެއީކަން ސީޕީ ފާހަގަކުރެއްވިއެވެ.
އެ ކޯސް ފުރިހަމަކުރި އެންމެހައި ބައިވެރިން ދެން ޚިދުމަތަށް ނުކުންނާނީ އިތުރު ހުނަރާއި ގާބިލިއްޔަތުކަން ލިބިގެންކަމާމެދު ޝައްކުނުކުރާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުންކަމާއި ފުލުހުންގެ މަސައްކަތް ހިންގާ މާހައުލަށް އަންނަ ތަފާތުތަކުގެ ސަބަބުން އެ ބަދަލުތަކާ އެއްހަމަކޮށް ބަދަލުތަކަށް އަށަގަނެ، ޚިދުމަތްދިނުން ތަރައްގީވާން ޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ތިމާވެއްޓަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން ކުށުގެ މާހައުލާއި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިއާ ތަފާތު ގޮންޖެހުންތައް މެދުވެރިވެފައިިވާ ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަނެ، ފުލުހުން ގާއިމުވެ ތިބޭ މަގުސަދުތައް ހާސިލުކުރުމަށް ހިންގޭ މަސައްކަތުގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަމާއި ފުލުހުންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ފުލުހުން ކުރަންޖެހިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.