26 Aug 2022, 15:33
މޫސުން ކުރިއަށް ލަފާކުރެވޭގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެކަމަށާއި ދެކުނާ މެދު ރާއްޖެ ތެރެއަށް އުދައިގެ އަސަރު ކޮށްފާނެކަމަށް ލަފާ ކުރެވޭ ކަމަށް، ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.
އެ އޮފީހުން ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މެންދުރު ދެއަކުން ފެށިގެން ރޭގަނޑު އަށަކާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 45މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
"ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަނޑުތައް ގަދަވާނެ،" މެޓު އޮފީހުން ބުންޏެވެ.
އަނެއްކާ ވެސް މޫސުން ގޯސްވެފައި މިވަނީ ކުޑަ ދުވަސްކޮޅަކު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ރީތިކޮށް އޮތުމަށް ފަހުގައެވެ. މި ދޭތެރެއިން މުޅި ރާއްޖެއަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.