ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގާނޫނު އަދި ކޮޕީރައިޓްސްގެ ގާނޫނާ ހިލާފަށް ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް އިން ރީބްރޯޑްކާސްޓް ކުރަމުން ދާތީ ކަމަށް ބުނެ މީޑިއާނެޓުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ހެނދުނު ނުވައަކަށް ސިވިލްކޯޓުގައި ތާވަލްކޮށްފައި އޮތެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ކަނޑޫމާ ރިސޯޓުގެ ފަރާތުން އަޑުއެހުމަށް ހާޒިރު ނުވާތީ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

މިއީ ކަނޑޫމާ ރިސޯޓުން އަޑުއެހުމަށް ހާޒިރުނުވުމުން ކެންސަލްވި ހަތަރުވަނަ އަޑުއެހުމެވެ. އެހެންކަމުން އެ ރިސޯޓުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ދައުވާ އުފުލި ފަރާތުން އެދިފައިވާކަމަށް މައުލޫމާތުލިބެއެވެ.

މި މައްސަލައިގައި ކަނޑޫމާ ރިސޯޓަށް ދައުވާކުރަނީ ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަނެތި އެ ޚިދުމަތް ދެމުންދާތީ އާއި ރީބްރޯޑްކާސްޓްކުރާ ބައެއް ޗެނަލްތަކަކީ، އެ ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ އެ ރިސޯޓަށް ލިބިފައިނުވާ ޗެނަލްތަކަކަށް ވާތީ ކަމަށް ބުނެއެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18 ވަނަ މާއްދާގައި ވާ ގޮތުން އެއްވެސް ފަރާތަކުން ރީބްރޯޑްކާސްޓުކުރުމުގެ ގޮތުން ޗެނަލް ފޮނުވަންވާނީ، ޗެނަލް ދޭ ފަރާތުން ދޫކުރާ ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިގެންނެވެ.

ރިސޯޓުތަކުގައި ރީބްރޯޑްކާސްޓް ކުރުމާ ގުޅޭގޮތުން މީގެކުރިން މޯލްޑިވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރެފައިވާ ސާކިއުލާގައި ފާހަގަކޮށްފައިވަނީ، ރީބްރޯޑްކާސްޓްކުރަންވާނީ ޗެނަލް ދޭފަރާތާއި ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން އެކްސްކުލޫސިވް އެއްބަސްވުމެއް އޮވެގެން ކަމަށެވެ. އަދި އެ އުސޫލު އެއާޓެލް، ޑިސްޓީވީ ފަދަ ވަސީލަތްތައް މެދުވެރިކޮށް ފޮނުވާ
ފަރާތްތަކަށްވެސް ހިނގާނެކަމަށް އެ ސާކިއުލާގައި ވެއެވެ. މީގެ އިތުރުން މި ސާކިއުލާގައި ރިސޯޓްތަކުން ރީބްރޯޑްކާސްޓް ކުރާ ޗެނަލްތަކަކީ ބްރޯޑްކާސްޓިން ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ދެމުންދާ ޚިދުމަތެއްތޯ އެ ރިސޯޓަކުން ކަށަވަރު ކުރަންވާނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.

ކޮޕީރައިޓްސް ގާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުން އެއްތަނަކުން ބްރޯޑްކާސްޓް ކޮށްފައިވާ އެއްޗެއް އަލުން ބްރޯޑްކާސްޓް ކުރުމުގެ
ހުއްދަދިނުމުގެ ހުރިހާ ޙައްގެއް ލިބިގެންވަނީ ހަމައެކަނި ބްރޯޑްކާސްޓް ކުރާ ތަނަކަށެވެ. އެހެންކަމުން ބްރޯޑްކާސްޓްކުރާ ތަނުގެ ހުއްދަނެތި ރީބްރޯޑްކާސްޓް ކުރުން ކޮޕީރައިޓްސް ގާނޫނާ ވެސް ޚިލާފުކަމެކެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ހައްގު އޮތް ފަރާތްތަކަށް ދައްކަންޖެހޭ ފީ ނުދައްކާ، ޕައިރޭޓްކޮށް ދެއްކުމުން މާލީގޮތުން ލިބެންޖެހޭ އާމުދަނީ ނުލިބި އެތައް ގެއްލުމެއް ގަވާއިދާ އެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކަށް ލިބެމުންދާކަމުގެ ޝަކުވާ ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ހުށަހަޅާފައިވާކަމަށް މީޑިއާނެޓުން ބުނެއެވެ.

އަދި ފަރުދުންގެ އާމްދަނީ ޓެކްސްގެ ގާނޫނުން، ކޮޕީރައިޓްސްގެ ދަށުން ރިބްރޯޑްކާސްޓް ބޭނުމަށް ރައިޓްސް ހޯދައިގެން ބޭރުގެ ބްރޯޑްކާސްޓް ކުރާފަރާތްތަކަށް ދައްކާ ލައިސަންއަށް ފީއިން ވިތްހޯލްޑިންގް ޓެކްސް ދޭންޖެހޭކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެކުރިން ވެސް ކަނޑޫމާ ރިސޯޓުގައި ރިބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނެތް 40 ޗެނަލެއް ރިބްރޯޑްކާސްޓްކުރި މައްސަލައަކާ ގުޅިގެން ވަނީ ފިޔަވަޅު އަޅާފައެވެ. ރީބްރޯޑްކާސްޓް ކުރުމުގެ ހައްގު ލިބިފައި ނެތް މި ރިސޯޓުން ރީބްރޯޑްކާސްޓް ކުރާ ހުރިހާ ޗެނަލެއް ވަގުތުން ވަގުތުން ހުއްޓާލުމަށް ސިވިލްކޯޓުން އަންގާފައިވަކަން ފާހަގަކޮށްލެވެއެވެ.