29 Mar 2012, 23:41
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އައްޔަންކުރައްވާފައިވާ މުހައްމަދު ވަހީދުއްދީން (ޑީން) އާއި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާފައިވާ 14 ވަޒީރުންނަށް ރުހުން ހޯދުމަށް އެ މައްސަލަ ދިރާސާ ކުރުމަށް ޓަކައި ކޮމެޓީއަށް ފޮނުވުމަށް އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާއަށް ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރައްވާފައިވާ ވަހީދުއްދީން އާއި ވަޒީރުންނަށް ރުހުން ހޯދުމަށް ޓަކައި ކޮމެޓީ އަށް އެ ނަންފުޅުތައް ފޮނުވުމުގެ މައްސަލަ ދިރާސާ ކުރުމަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގަ އެވެ.
މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލު ފާސް ކުރުމަށް ވެސް އެޖެންޑާކޮށްފައިވެ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ ގަރާރުގެ ހުށަހެޅުއްވުން ވެސް އެޖެންޑާކޮށްފައިވެ އެވެ. އަދި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލް ހުށަހެޅުއްވުން ވެސް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެ އެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލް ކޮމެޓީން މަރުހަލާ ނިމި މަޖިލީހުން އެ ބިލަށް ގޮތެއް ނިންމުމަށް ވެސް އެޖެންޑާކޮށްފައިވެ އެވެ.