14:30


މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްއެންބީސީ) އަކީ، ރައްޔިތުންގެ ކުންފުންޏަކަށް ހެދުމަށްޓަކައި އެ ކުންފުނިން ހިއްސާވިއްކަން ފަށާ ގޮތަށް ނިންމައިފި އެވެ.


މިކަން އިއްލާން ކުރައްވަމުން އެ ކުންފުނީގެ ޗެއާމަން މަޑުލު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ، މިގޮތަށް ނިންމީ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އޮތުމަށްވުރެ އެކުންފުނީގެ ކަންތައްތައް ރައްޔިތުން ކޮންޓްރޯލްކުރާ ކުންފުންޏެއްގެ ގޮތުގައި އޮތުން ރަނގަޅުވާނެ ކަމަށް ބޯޑަށް ފެނިގެން ކަމަށެވެ. އަދި ހިއްސާވިއްކަން ފެށުމުން ކުންފުނީގެ ހިއްސާ ހިމެނޭނެ ގޮތަކީ، ސަރުކާރަށް ސާޅީސް ޕަސެންޓް، ކުރިމަގުގައި އުފެދޭ ރަށު ކައުންސިލްތަކަށް ސާޅީސް ޕަސެންޓް، އަދި ކުންފުނިތަކަށާއި އާއްމުންނަށް އަނެއް ވިހި ޕަސެންޓް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އަދި ސަރުކާރުން ކަނޑައަޅާފައި ވަނީ ސަރުކާރުގެ ސާޅީސް ޕަސެންޓް ހިއްސާ ކުރިމަގުގައި ފަނަރަ ޕަސެންޓަށް ބަދަލުކުރުމަށް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.