25 Aug 2022, 23:54
ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭން ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އެކަމަށް ހުރަސްތަކެއް އެބަހުރިކަމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން މިއަދު ބުނެފި އެވެ.
މިދިޔަ ހަފުތާގައި އައިއެފްޖޭއިން ރާއްޖެއަށް ކުރި ދަތުރެއްގައި ވަނީ ނޫސްވެރިންނާއި އެޑިޓަރުންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި އެކަމާގުޅޭ ޖަމިއްޔާތަކާ ބައްދަލުކޮށް ރާއްޖޭގެ މީޑިއާތަކަށް ހުރި ހުރަސްތަކާއި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްރަވާކޮށްފައެވެ.
އެގޮތުން އައިއެފްޖޭއިން ވަނީ ރާއްޖޭގެ މީޑިއާ އާއި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ސިޔާސީ ނުފޫޒު ފޯރުވުމަށް ހަދާފައިވާ "ޝެލް މީޑިއާ ކުންފުނި"ތަކުގެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި ތަހުގީގީ ހޯދުންތައް ދެފުއްފެންނަ ގޮތެއްގައި ހާމަކުރުމަށް އައިއެފްޖޭއިން ގޮވާލިއެވެ.
"މިއާއެކު، ވަޒީފާގެ އެއްބަސްވުމެއް ނެތުމާއި، ނޫސްވެރިން، ޚާއްސަކޮށް ޕްރީލާންސް ނޫސްވެރިންނަށް އެކްރެޑިޓޭޝަން ހޯދުމުގައި ހުރި ހުރަސްތައް ވެސް ފާހަގަކުރެވުނު. މަސައްކަތްތެރިންގެ ހައްގު ހިމަޔަތްކުރުމުގެ ބޭނުން ނުހަނު ބޮޑަށް އެބައޮތް،" އައިއެފްޖޭއިން ނެރުނު ބަޔާނުގައިވެއެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ ނޫސްވެރިކަމާ ގުޅޭގޮތުން އައިއެފްޖޭއިން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.
އައިއެފްޖޭގެ ކަންބޮޑުވުންތައް
- މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ސަބަބުން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން
- ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލެއް ފުޅާ ދާއިރާއެއްގައި ގެންގުޅުމުގެ ސަބަބުން މަސައްކަތްތެރިކަމުގެ ހައްގުތައް ނިގުޅައިގަތުން
- ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތު ނެތުން
- ފްރީލާންސް ނޫސްވެރިންނަށް އެކްރެޑިޓޭޝަން ލިބުމުގައި ހުރި ހުރަސްތައް
- ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތުތައް ނެތުން
އައިއެފްޖޭއިން ވަނީ މޯލްޑިވިއަން ޔޫނިއަން ޓްރޭޑް ކޮންގްރެސްގެ ލީޑަރުންނާ ވެސް ބައްދަލުކޮށްފިއެވެ. އަދި ފުލުހުންނާއި މީޑިއާ އާ ދެމެދު ކުރާ މުއާމަލާތްތައް ރަނގަޅުކުރުމަށް މީޑިއާ ވޯކިން ގްރޫޕެއް ހެދުމަށް އައިއެފްޖޭއިން ވަނީ ލަފާދީފައެވެ.
"މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއުކުރުމަށް މިހާރަށްވުރެ ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ. އޭރުން ނޫސްވެރިންނަށް ރައްކާތެރިކަމާއެކު ވަޒީފާގެ ޔަގީންކަން ވެސް ލިބޭފަދަ ގޮތަށް އެ ފަރާތްތަކުގެ މަސައްކަތް ކުރެވޭނެ،" އައިއެފްޖޭއިން ނެރުނު ބަޔާނުގައިވެއެވެ.