ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މ. އަތޮޅަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސް ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް, މ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު، ވޭވަށް އަދި މުލި ހިމެނޭ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގައި ހިނގަމުންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވާނެ ކަމަށެވެ.

މީގެ އިތުރުން ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސް މ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅު ނިންމަލެއްވުމަށްފަހު، އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.