ސްކޮޓްލޭންޑުގެ ރެންޖާސް އެފްސީ 12 އަހަރަށް ފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެއެވެ.

ރެންޖާސް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިމިވަނީ ޗެމްޕިއަންސް ލީގު ޕްލޭއޮފް ބުރުގެ ދެވަނަ ލެގުގައި ޕީއެސްވީ އެއިންދޮވެން އަތުން 1-0ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްވީ އެއިންދޮވެންއާ ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭންޖާސް މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ. އެއިންޓްރަކްޓް ފްރެންކްފާޓް އަތުން ފައިނަލްގައި ބަލިވުމުގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ކުޅުމަށް އެ ޓީމަށް ޖެހުނީ އިތުރު އިންތިޒާރެއް ކުރާށެވެ. ނަމަވެސް މިއަހަރު ޗެމްޕިއަންސް ލީގު ޕްލޭއޮފްއިން މޮޅުވެ އެ ޓީމު ވަނީ ޗެމްޕިއަންްސް ލީގަށް ކޮލިފައިވެފައެވެ.

ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ސެލްޓިކް ވެސް ހިމެނޭ އިރު، އެ ގައުމުގެ ދެ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިމިވަނީ 2007/08 ފަހުން ފުރަތަމަ ފަހަރަށެވެ.

ޗެމްޕިއަންސް ލީގު ޕްލޭއޮފް ދެވަނަ ލެގް މެޗުގައި އިތުރު ވަގުތު ކުޅެ ނޯވޭގެ ބޯޑޯ/ގްލިމްޓް ބަލިކޮށް ކްރޮއޭޝިއާގެ ޑިއެނަމޯ ޒެގެރެބް ވެސް ވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ. އެ ޓީމު އެ މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.

މީގެއިތުރުން ޕްލޭއޮފް ކުޅެ ބެންފިކާއާއި، ޗެކްރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއާއި، ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑާގެ އިތުރުން ތުރުކީގެ ޓްރަބްޒެންސްޕޯރް ވެސް ވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން މިރޭ ރާއްޖެ ގަޑިން 9:00 ގައި ތުރުކީގެ އިސްތަންބޫލްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.