ފޯޖްކޮށްފައިވާ ]ވަގު[ ބޭސްސިޓީތަކަކަށް ބިލު ހަދައިގެން އެ ބިލްތަކަށް ފައިސާ ހޯދުމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑަށް ހުށައެޅި މައްސަލައެއްގެ ތުހުމަތުގައި ފާމަސީއެއް އާސަންދަ ހިދުމަތުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އަހުމަދު ސާބިގު މިރޭ ވިދާޅުވީ ބޭސް ސިޓީތަކަށް ފައިސާ ހޯދުމަށް އެ ފާމަސީން މި މަހު ބިލްތައް ހުށައެޅި އިރު ބޭސް ދޫކޮށްފައި ނުވާ ފޯޖްކޮށްފައިވާ ބޭސްސިޓީތަކެއް ހުރިކަން ފާހަގަ ކުރެވުނީ ކަމަށެވެ.

"މި މަހު އެފާމަސީން ބިލްތަކާއި ބޭސް ސިޓީތައް ހުށައެޅި އިރު އަޅުގަނޑުމެންނަށް ޝައްކުވީ ފޯޖްކޮށްފައި ]އަމިއްލައަށް ހަދާފައިވާ[ ބޭސް ސިޓީތަކެއް ހުށައަޅާފައި ހުރިކަން. ދެން އެކަން ބެލި އިރު އެނގުނީ އެގޮތަށް ހަދާފައިވާ ބޭސްސިޓީތަކެއް ހުރިކަން، އެހިސާބުން އެ ފާމަސީ އަޅުގަނޑުމެން ވާނީ އާސަންދަ ހިދުމަތުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައި،" ސާބިގު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެފަދަ ގޮތަކަށް އަމަލުކުރާ އެހެން ފާމަސީއެއް ހުރެދާނެތީ އެކަން އެކުންފުނިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރުމަށް ފަހު ރިޕޯޓެއް އާއްމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ ހިދުމަތް މާލެއާއި އަތޮޅުތަކުގެ ގިނަ ފާމަސީތަކަކުން އަންނަނީ ދެމުންނެވެ.

ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމު، އާސަންދައިގެ ހިދުމަތް ދިނުމަށް އަމިއްލަ ކްލިނިކްތަކުން އަންނަނީ އެދެމުންނެވެ. އެފަދަ ކްލިނިކްތަކާ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ އެކު އިއްޔެ ބޭއްވި ބައްދަލުވުމެއް ހޫނުވެގެން ނިންމާލާފައި ވަނީ އެހިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުން ލަސްވަމުންދާތީ ކްލިނިކްތަކުގެ ވެރިން ހިތްހަމަނުޖެހިގެންނެވެ.
އާސަންދައިގެ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ކްލިނިކްތަކަށް ނުދޭ ކަމަށް ބުނެ އެ މައްސަލަ ކްލިނިކްތަކުން ވަނީ އޭސީސީއަށް ވެސް ހުށަހަޅަޅައިފަ އެވެ.