ކިޔޭވް (25 އޮގަސްޓް 2022): ރަޝިއާއަކީ ނުރައްކާތެރި ގައުމެއް ކަމަށާއި ރަޝިއާގެ އުދުވާނުން ދިފާއުވުމަށްޓަކައި ޔޫކްރެއިންގެ ރައްޔިތުން ގުރުބާން ކުރަނީ އެމީހުން ލެޔާއި ފުރާނަކަމަށާއި އެކަމަށް ހިތްވަރު ދޭކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

އެމެރިކާއާ ގުޅިގެން ޔުކްރެއިންގެ ސުލްހައަށް ހުރަސްއެޅުމުގައި އިސް ދައުރެއް އަދާކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއްޔެވަނީ ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ހަނގުރާމަފެށިތާ ހަ މަސް ފުރުމާ ގުޅިގެންނާ އަދި ޔުކްރެއިންގެ 31 ވަނަ މިނިވަން ދުވަހާ ގުޅިގެން ޔުކްރެއިންއަށް ވަޑައިގެން އެގައުމުގެ ރައީސް ވްލަޑިމީރު ޒެލެންސްކީއާ ބައްދަލުކުރައްވައި ރަޝިއާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފައެވެ.

ޖޯންސަން ރަޝިއާއަށް ދެއްވި ބަހުގެ ހަމަލާތަކުގެ ތެރޭގައި ޔޫރަޕް އިނދަޖައްސާލުމަށްޓަކައި ރަޝިއާއިން ޔޫރަޕާ ދެކޮޅަށް ގޭހުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާކަމުގެ ތުހުމަތު ހިމެނެއެވެ. ޖޯންސަން ވިދާޅުވިގޮތުގައި ރަޝިޔާ ގެންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އެގައުމުގެ ގޭސް ޔޫރަޕާ ދެކޮޅަށް ބޭނުންކޮށްގެން ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށް ދަތިކޮށް ޔޫރަޕް އިނދަޖައްސާލުމަށް މަސައްކަތް ކުރަމުންނެވެ.

ޖޯންސަން ވިދާޅުވިގޮތުގައި ދުނިޔޭގައި ކާބޯތަކެތީގެ އަގުތަކާއި ތެލާއި ގޭހުގެ އަގުތައް އުފުލިފައިވަނީވެސް ރަޝިއާގެ ސަބަބުންނެވެ. ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް އުދުވާނީ ހަނގުރާމައެއް ފެށުމުގެ ސަބަބުންނެވެ. ޖޯންސަންގެ ވާހަކާގައި އެމެރިކާއާއި ޔޫރަޕުން ރަޝިއާ އިނދަޖައްސާލުމަށްޓަކައި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ މައްޗަށް އެއްވެސް އިޝާރާތެއް ނުކުރައްވައެވެ.

ރަޝިއާ ކުށްވެރި ކުރައްވަމުން ޖޯންސަންވަނީ ރަޝިއާއާ އިގްތިސާދީ ގުޅުންތައް ކަނޑާލުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ. ޖޯންސަން ވިދާޅުވިގޮތުގައި ރަޝިއާގެ އަނިޔާވެރިކަމާ ދެކޮޅަށް ޔުކްރެއިންގެ ރައްޔިތުން ގެންދަނީ ތައުރީފު ހައްގު ރެސިސްޓެންޓެއް (ޖިހާދެއް) ކުރަމުންނެވެ.

ޖޯންސަން ވިދާޅުވިގޮތުގައި ރަޝިއާ ޔޫރަޕާ ދެކޮޅަށް އަޅާ ގޭހުގެ ފިޔަވަޅުތަކުގެ ސަބަބުން މުޅި ޔޫރަޕްގެ އިގްތިސާދު ދަނީ ހީނަރުވަމުންނެވެ. މީގެތެރޭގައި ތަކެތީގެ އަގުތައް ބޮޑުވުމާއި ތެލާއި ގޭހުގެ ދަތިކަން ހިމެނެއެވެ. އިނގިރޭސިވިލާތަށް ބެލިނަމަވެސް ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތުގައި އިގްތިސާދަށް ލޮޅުން އަރައި ފާއިތުވި ބައިގަރުނުގައި ތަކެތީގެ އަގު މައްޗަށް ނުދާވަރަށް އިނގިރޭސިވިލާތުގައި ތަކެތީގެ އަގުތައް ބޮޑުވެފައިވާކަމަށް ޖޯންސަން ވިދާޅުވިއެވެ.

ރަޝިއާއިން ޔޫރަޕާ ދެކޮޅަށް ގޭހުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާތީ ކުރިއަށް އޮތް ފިނި މޫސުމަކީ ޔޫރަޕަށް ވަރަށް ދަތި އަދި ވޭންދެނިވި ދުވަސްތަކަކަށް ވާނެކަމަށްވެސް ޖޯންސަން ވިދާޅުވިއެވެ. ޖޯންސަން ވިދާޅުވިގޮތުގައި ރަޝިޔާގެ ބޭނުމަކީ ތެލާއި ގޭހުގެ ސަޕްލައި ޔޫރަޕަށް ނުދީ ހިފަހައްޓައިގެން ޔޫރަޕަށް ދަތިކޮށް ޔޫރަޕް ނިކަމެތިކުރުމެވެ. ޔޫރަޕްގެ ރައްޔިތުންނަށް ދަތިކޮށްގެން ޔޫރަޕްގެ ރައްޔިތުން ޔޫރަޕްގެ ސަރުކާރުތަކާ ދެކޮޅަށް ނެރުންކަމަށްވެސް ޖޯންސަން ތުހުމަތު ކުރެއްވިއެވެ.

ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް މިދިޔަ ފެބްރުއަރީމަހު ހަނގުރާމަފެށީ ޔުކްރެއިންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ޔުކްރެއިން އިން އަރައިގަންނަ މައްސަލައާ ގުޅިގެންނާއި ޔުކްރެއިން ނޭޓޯގެ މެންބަރަކަށް ހަދައިގެން ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކޮށް ރަޝިއާ ހިސާރުކުރަން ނޭޓޯ ރާވާ ރޭވުންތައް ހުއްޓުވުމުގެ ގޮތުންކަމަށް ރަޝިއާ ބުނެއެވެ.

ޔުކްރެއިން އަށް ހަމަލާދޭން ޖެހުނީ މިމައްސަލަތަކާބެހޭގޮތުން ޔުކްރެއިންއާ ވާހަކަދައްކައިގެން ހައްލެއް ނުލިބިގެންކަމަށްވެސް ރަޝިއާ ބުނެފައިވެއެވެ. ރަޝިއާވަނީ ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށްފަހުވެސް ޔުކްރެއިން އާ ސުލްހައިގެ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކޮށްފައެވެ.

ރަޝިއާއާއެކު ދެތިން ބުރެއްގެ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށްފަހު ޔުކްރެއިންވަނީ ސުލްހައަށް ފުރަގަސްދީ ސުލްހައިގެ ވާހަކަތައް ރަޝިއާއެކު ކުރިޔަށް ގެންދިޔުމަށް ދެކޮޅު ހަދާފައެވެ. ޔުކްރެއިނުން މިގޮތަށް އަމަލުކުރީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބާރުގައި އެދެގައުމުގެ ނުފޫޒުގައި ކަމަށް ރަޝިއާ ބުނެއެވެ.

ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު އެމެރިކާއާއި ޔޫރަޕުންވަނީ ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށްޓަކައި 70 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިއާ އާ ދެކޮޅަށް އަޅާފައެވެ. މީގެތެރޭގައި ރަޝިއާގެ ތެޔޮ ގަންނަ މިންވަރު ވަރަށް ބޮޑަށް މަދުކޮށްލުމާއި އެމެރިކާއާއި ޔޫރަޕްގެ މާލީ ނިޒާމުން ރަޝިއާ ބޭރުކޮށްލުމާއި ރަޝިއާގައި މަސައްކަތްކުރާ އެމެރިކާއާއި ޔޫރަޕްގެ ކުންފުނިތައް ރަޝިއާއިން ފައިބަން މަޖްބޫރުކުރުން ހިމެނެއެވެ.

ނަމަވެސް ޔޫރަޕުން ރަޝިއާގެ ގޭހަށް ބަރޯސާ މިންވަރު ބޮޑުކަމުން ރަޝިއާގެ ގޭހުގެ ސެކްޓަރާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން އެމެރިކާއާއި ޔޫރަޕަށް ކެރިފައެއް ނުވެއެވެ. ޔޫރަޕްގެ މި ބަލިފައިގެ ފައިދާ ނަގައިގެން ރަޝިއާވަނީ ޑޮލަރާއި ޔޫރޯގެ ބަދަލުގައި ރަޝިއާގެ ފައިސާއިން ގޭހުގެ އަގު އަދާކުރަން ޔޫރަޕަށް މަޖްބޫރުކޮށް އިންޑިއާއާއި ޗައިނާއިން ރަޝިއާގެ ގޭހަށް ބާޒާރު ހޯދުމުގައި ކާމިޔާބު ހޯދާފައެވެ.

މިކަމުގެ ސަބަބުން ރަޝިއާގެ ފައިސާގެ އަގު މަތިވެ ހުޅަނގުން ރަޝިއާ ވައްޓާލަން މަސައްކަތްކުރި އިގްތިސާދީ ކާރިސާއިން ރަޝިއާ ވަނީ ސަލާމަތްވެފައެވެ. މިއާއެކު ރަޝިއާވަނީ އިންޑިއާ އަދި ޗައިނާއިން ރަޝިއާގެ ގޭހަށް ބާޒާރު ހޯދުމަށްފަހު ޔޫރަޕަށް ރަޝިޔާ ފޯރުކޮށްދޭ ގޭހުގެ މިންވަރު މަދުކޮށް ޔޫރަޕާ ދެކޮޅަށް ބަދަލު ހިފަން ފަށާފައެވެ. މިކަމުގެ ސަބަބުން ޔޫރަޕަށްވަނީ ހަކަތައިގެ ދަތިކަން އިންތިހާއަށް ފޯރާފައެވެ.

ޔުކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވީ އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި އާދަޔާ ޚިލާފު ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ތެލާއި ގޭހުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މީގެއިތުރުން އެމެރިކާއާއި ޔޫރަޕުން ގެންދަނީ ސުލްހައަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދީގެން ރަޝިއާ ބަލިކުރުމުގެ މަގްސަދުގައި ޔުކްރެއިން ހަނގުރާމަ ދިގުދެންމުމަށްވެސް ގިނަ މަސައްކަތް ކުރަމުންނެވެ. ރަޝިއާ ސުލްހައިގެ ވާހަކަ ދައްކައިގެން ރަޝިއާގެ ޑިމާންޑްތައްވެސް ހާސިލް ވާގޮތަށް މެދުމިނުގެ ހައްލެއް ހޯދުމަށް އެމެރިކާއާއި ޔޫރަޕް ގެންދަނީ ދެކޮޅު ހަދަމުންނެވެ.