25 Aug 2022, 13:05
ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އައްޔަންކޮށްފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ތަސްމީނަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ތަސްމީން އެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ޖޫން މަހުގެ 30ގައެވެ.
ތަސްމީން ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައެވެ.
އޭނާ މީގެ ކުރިން ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި ހޯމް މިނިސްޓަރު ކަމާއި އެޓޯލްސް އެޑްމިނިސްޓްރޭޝަން މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ހިމެނެއެވެ.
ދެހާސްއަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ތަސްމީން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރެއްވިއެވެ. ނަމަވެސް އޭގެ ފަހުން 2013ގައި ޑީއާރުޕީން އިސްތިއުފާ ދެއްވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ.
ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީ ދާދި ފަހަކާ ޖެހެންދެން ހުންނެވީ މެލޭޝިއާގެ ހައި ކޮމިޝަނަރުގެ ގޮތުގައެވެ. ދެހާސް ނަވާރަ ވަނަ އަހަރު އެ މަގާމާ ހަވާލުވެވަޑައިގެންނެވި ވިސާމް މިދިޔަ އޭޕްރިލް މަހު އިސްތިއުފާ ދެއްވި އިރު، އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް ހާމަ ނުކުރައްވައެވެ.