25 Aug 2022, 11:03
ދައުޙާ (25 އޮގަސްޓް 2022) : ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފު ގަތަރަށް ވަޑައިގެންފިއެވެ.
ގަތަރުގެ އަލްޖަޒީރާ ޓީވީ ބުނާގޮތުން ޝެހެބާޒު ޝަރީފުގެ މިދަތުރުފުޅުގައި ގަތަރުން ޕާކިސްތާނަށް ދެ ބިލިޔަން ޑޮލަރުގެ އެހީއެއް ދިނުމުގެ އަމަނާބެހޭ ބޮޑު އެއްބަސްވުމެއްގައި އެދެގައުމުގެ މަސްއޫލުވެރިން ސޮއިކުރާނެއެވެ. މީގެއިތުރުންވެސް ހަކަތައިގެ ވިޔަފާރިއާއި އަސްކަރީ ދާއިރާ އަދި ޕާކިސްތާނުގެ ލޭބަރުންނަށް ގަތަރުގެ އެކި ސެކްޓަރުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާބެހޭ އެމްއޯޔޫތަކެއްގައި ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާނެއެވެ.
ޝެހެބާޒު ޝަރީފު ގަތަރަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ފައިސާގެ އެހީއާއި ލޯނު އެހީ ގަތަރުން ހޯދުމެވެ. ޕާކިސްތާނަށްވަނީ ފައިސާގެ އަގު ވެއްޓުމާއި ތަކެތީގެ އަގު ބޮޑުވުމާ އަދި ހަކަތައިގެ ދަތިކަން ވަރަށް ބޮޑަށް ފޯރާފައެވެ.
މިަކަށްޓަކައި ޝެހެބާޒު ޝަރީފު މީގެ ދެ މަސްކުރިން ސައޫދީއަށް ވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި ޕާކިސްތާން ގެންދަނީ އައިއެމްއެފް އިން ހަ ބިލިޔަން ޑޮލަރުގެ ލޯނެއް ނެގުމަށްވެސް މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް މަދުވެގެން ނުވަ ބިލިޔަން ޑޮލަރު ބޭނުންވާކަން އެގައުމުންވަނީ ހާމަކޮށްފައެވެ.
އަލްޖަޒީރާ ބުނާގޮތުން މިއަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ޕާކިސްތާނަށް ބޮޑު ދައުރެއް ދިނުމަށް ގަތަރުގެ އަމީރު ޝައިޚް ތަމީމު ބިން ހަމަދު އާލު ޘާނީ ވަނީ ނިންމަވާފައެވެ. އެހެންކަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާއެކު ގަތަރުގެ އަމީރު އިއްޔެ ބޭއްވެވި މަޝްވަރާތަކުގެ ބޮޑުބައެއް ވަނީ މިކަމަށް ޚާއްސަކޮށްފައެވެ.
ނޮވެމްބަރުމަހު ގަތަރުގެ ވެރިރަށް ދައުޙާގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ޕާކިސްތާން ސިފައިންގެ ބޮޑު ލަޝްކަރެއް ގަތަރަށް ފޮނުވުމާއި އެކަމުގެ އަގެއްގެ ގޮތުގައި ދެ ބިލިޔަން ޑޮލަރު ޕާކިސްތާނަށް ދިނުމަށާއި ޕާކިސްތާނުގެ އިގްތިސާދު ރަނގަޅު ކުރުމަށް ޓަކައި ތިން ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ޕާކިސްތާނަށް ދިނުމަށްވެސް ގަތަރުގެ އަމީރު ނިންމަވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
މިކަމާބެހޭ ފަންނީ މަޝްވަރާތަކަށްފަހު އެއްބަސްވުންތަކުގައި ޕާކިސްތާނާއި ގަތަރުގެ މަސްއޫލުވެރިން ފަހުން ސޮއިކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާން ސިފައިންގެ އިސް ޖެނެރަލުންނާއި ޖާސޫސީ އިދާރާގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެއެވެ.
މިވަފްދުގެ ބޭނުމަކީ ވޯލްޑްކަޕްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ޕާކިސްތާނުން ގަތަރަށް ފޮނުވާ ސިފައިން ލަޝްކަރުގެ މޭންޑޭޓާ ބެހޭ ގޮތުންނާއި އަދާކުރަންޖެހޭ ދައުރާބެހޭ ފަންނީ މަޝްވަރާތަކުގައި ބައިވެރިވުންކަަމަށް ޚަބަރުތައް ބުނެއެވެ.
ވޯލްޑްކަޕަށްޓަކައި މުޅި ގަތަރު ދަނީ އެކަމާ ގުޅުންހުރި ހުރިހާ ދާއިރާތަކަކުން ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.