25 Aug 2022, 10:04
ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް އަފްރާހު މިއަދު "ސަން"އަށް ވިދާޅުވީ ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް ނީވޭ ގޮތް ހަދަން އެންގީ ހުރިހާ މިސްކިތަކަށް ނޫން ކަމަށެވެ.
"އެ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުންނަ ގެތަކުގެ މީހުންގެ ޝަކުވާ އަންނަ މިސްކިތްތަކުގެ އިމާމުންނަށް އެކަނި އެންގީ ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް ނީވޭ ގޮތް ހަދަން. އެއީ ހަމަ ބައެއް ފަރާތްތަކުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބޭތީވެ،" އޭނާ ވިދާޅުވިއެވެ.
އަފްރާހު ވިދާޅުވީ މިސްކިތުގައި ނަމާދުކުރާ އަޑު މިސްކިތުން ބޭރަށް އިވުނު ނަމަވެސް ނަމާދު ކުރާ އަޑު މުޅި ސަރަހައްދަށް އިވޭ ގޮތަށް ހެދުމަކީ އާންމު އުސޫލެއް ނޫން ކަމަށެވެ.
މީގެ އިތުރުން ބައެއް މިސްކިތްތަކުގައި ބަންގި ގޮވުމަށް ބޭނުން ކުރާ ލައުޑް ސްޕީކަރު ކަނޑާ ނުލައި ނަމާދު ކުރާތީ އެ ސަރަަހައްދުތަކަށް ވަރަށް އަޑުގަދަވާ ކަމަށާއި ނަމަވެސް ލައުޑް ސްޕީކަރަކީ ހަމައެކަނި ބަންގި ގޮވުމަށް ބޭނުންކުރާ އެއްޗެއް ކަމަށް ވެސް އަފްރާހު ވިދާޅުވިއެވެ.
މިސްކިތުން ބޭރަށް ނަމާދު ކުރާ އަޑު ނިވޭ ގޮތް ހަދަން އެންގީ ކޮން މިސްކިތްތަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.