25 Aug 2022, 01:18
މިއަހަރު މަތީ އަރުތަވެރީންގެ އިނާމު ހާސިލްކުރި ދަރިވަރުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެސް އެންމެ ތޫނުފިލި ކުދިން މުދައްރިސުންނަށް ވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެދިވަޑައިގެންފިއެވެ.
މިދިޔަ އަހަރު ބޭއްވި 2019 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ ދިހަޔަކަށް ހޮނުވުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވެސް މިނިސްޓަރު ވަނީ އެފަދައިން
ދެހާސްވިހި އަދި 2021ވަނަ އަހަރުގެ ދިރާސީ އަހަރު ނިންމައި މަތީ އަރުތަވެރީންގެ އިނާމު ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަނގަޅު މުދައްރިސުން ނުއުފެއްދޭ ނަމަ މި ފަދަ އުފާވެރި ޖަލްސާތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރަކަށް ފަހު އަހަރެއް މަދުވަމުންދާނެކަމަށެވެ. އެހެންކަމުން މިރޭ ކާމިޔާބު ހާސިލްކުރި ކުދިންގެ ތެރެއިން ގިނަ ކުދިންތަކެއް ފަހުން އަންނާނެ ކުދިންނަށް ކިޔަވައިދޭނޭ ބަޔަކަށް ވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
"މިކަންކަމުގެ ނިހާއީ ނިމުމަކަށް ވާނީ، ފާހަގަ ކުރާ ވަރުގެ ނަތީޖާ ނުނެރެވޭތީ، މިފަދަ ޖަލްސާތައް އުވިގެން ދިއުން. މި ގޮތް ބޭނުން ނޫންނަމަ، އަޅުގަނޑުގެ އިލްތިމާސް އަކީ، ތިޔައިގެ ތެރެއިން އެންމެ ޚުލްޤު ރަނގަޅު، އެންމެ ކެރޭ، އެންމެ ތޫނުފިލި ކުދީން މުދައްރިސްކަމާ ކުރިމަތިލުން،" އޭނާ ވިދާޅުވިއެވެ.

މަތީ ވަނަ ހޯދި ދަރިވަރަކަށް މިނިސްޓަރު ޑރ. އައިޝަތު އަލީ އިނާމު ދެއްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވީ މީގެ 40 ވަރަކަށް އަހަރު ކުރިން މުދައްރިސްކަމަކީ ދިވެހިރާއްޖޭގައި ވަރަށް ޤަދަރުވެރި ރަނގަޅު މުސާރައެއްލިބޭ ވަޒީފާއެއްކަމަށެވެ. އަދި އެ ހާލަތު ބަދަލުވީ އެހެން ދާއިރާތަކުގެ މުސާރަ މުދައްރިސުންގެ މުސާރައަށްވުރެ ބޮޑުވުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"ނަމަވެސް، މިކަން މިހާރު މިވަނީ އިސްލާހުކޮށްފައި. މުދައްރިސުންގެ މޫނުމައްޗަށް ހިނިތުން ގެނުވި، މުސާރައިގެ ބޮޑު ކުރިއެރުމެއް ވަނީ މިއަހަރުގެ ތެރޭގައި ގެނެސްފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް19ގެ އެންމެ އުނދަގޫ ދުވަސްވަރުގައި ވެސް ހިތްވަރާއި ނުގުޑާ ފަދަ އަޒުމެއްގައި ކެތްތެރިކަމާއެކު ދަރިވަރުން ކުރި ބުރަ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެކުދިން ކުރި ބުރަ މަސައްކަތަށް މިނިސްޓަރު މަރުހަބާ ދެންނެވިއެވެ.

މަތީ ވަނަ ހޯދި ދަރިވަރަކަށް ރައީސް ޞާލިހް އިނާމު ދެއްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
"ތިޔަ ކުދިންނަށް އަދި ތިޔަ ނިންމާލެވުނީ ތަޢުލީމީ އެއް ހަރުފަތް. ތިޔަ ދަރިވަރުންގެ ތަޢުލީމީ ޙަޔާތް އަދި އޮތީ ކުރިޔަށް. މަތީ ތައުލީމުގެ ފުރުސަތުތައް މިސަރުކާރުންވަނީ ވަރަށް ބޮޑަށް ހުޅުވާލާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ހުޅުވާލާފައިވާ މަތީ ތައުލީމުގެ ފުރުސަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ތައުލީމުގެ އިތުރު ހަރުފަތްތަކެއް ގިރާކުރުމަށް މިރޭ އިނާމު ހާސިލްކުރި ދަރިވަރުން އަޒުމް ހިފާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.