29 Mar 2012, 23:20
ދ. ކުޑަހުވަދޫގައި ރަހުމް ކުޑަގޮތަކަށް މަރާލި، އެ ރަށު ސަމަންދަރުގޭ އަލީ ހަސަން (އައްޔުބޭ)ގެ މަރާލުމުގައި ބައިވެރިވިކަމަށް 16 އަހަރުގެ ދެ ކުޑަކުއްޖަކު މިއަދު ޖުވެނައިލް ކޯޓުގައި އެއްބަސް ވެއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އައްޔުބޭގެ މަރުގެ މައްސަލަ އާ ގުޅިގެން ޖުވެނައިލް ކޯޓުގައި ދައުވާ ކުރީ ތިން ކުއްޖެއްގެ މައްޗަށް ކަމަށާއި އޭގެ ތެރެއިން ދެ ކުއްޖެއްގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އަނެއް ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތިން ކުދިންގެ މައްޗަށް ދައުލަތުން މިއަދު ދައުވާ ހުށަހެޅުމުން ދައުވާއާ މެދު އެ ކޯޓުގެ ގާޒީ އެ ތިން ކުދިންނާއި ސުވާލުކުރުމުން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލި ދެ ކުދިން ވެސް އެކަމަށް އިއުތިރާފް ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ ކުދިން އައްޔުބޭ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވި ނަމަވެސް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލި 17 އަހަރުގެ ކުއްޖާ ބުނެފައި ވަނީ ދައުވާއާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ވަނީ ވަކީލަކު އައްޔަން ކުރުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް އެ ކުއްޖާ އަށް ޖުވެނައިލް ކޯޓުން މިއަދު ފުރުސަތު ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް އިއުތިރާފްވި ދެ ކުދިންގެ މައްޗަށް ދައުވާކުރީ އައްޔުބެ މަރާލުމަށް ޓަކައި އައްޔުބެއަށް ފާރަލާފައި ވާތީ އާއި މަރާލުމަށް ބޭނުން ކުރި ތަކެތި ފޮރުވުމަށް އެހީވެދީފައި ވާތީ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އައްޔުބެއަށް ދޮންކާފަ ކިޔާ، އެ ރަށު މާވެލި އިބްރާހިމް ވަސީމް ވެސް ވަނީ އައްޔުބެ މަރާލުމުގައި ބައިވެރިވިކަމަށް އިއުތިރާފް ވެފަ އެވެ.
އައްޔުބެއަށް ދޮންކާފަ ކިޔާ ވަސީމްގެ އިތުރުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ އެ ރަށު، ފަނަސް، ފައުޒާން މުހައްމަދު އާއި ހަމަ އެ ރަށު ރަނަކުރި، އިބްރާހިމް މާޖިދުގެ މައްޗަށެވެ. އެ ދެ މީހުންގެ ޝަރީއަތް އަދި ފަށާފައި ނުވެ އެވެ.