މަތީ ތައުލީމު ހާސިލްކުރާއިރު ވިސްނަންވީ ފަސޭހައިން ހާސިލުކުރެވެން އޮތް ޑިގްރީއަކަށް ނޫންކަމަށާއި އޭގެ ބަދަލުގައި ވިސްނަންވީ އެކުއްޖަކު އެންމެ ބޭނުންވާ ދާއިރާއަކުން ކުރިއަށްދާން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދެހާސްވިހި އަދި 2021ވަނަ އަހަރުގެ ދިރާސީ އަހަރު ނިންމާ މަތީ އަރުތަވެރީންގެ އިނާމު ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަކި މީހަކު މަޖުބޫރުކޮށްގެން ކަމެއް ކުރަން އުޅުމަކީ ތިމާގެ ކިބައިގައި ހުންނަ ހުނަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވިދާނެ ކަމެއް ކަމަށެވެ.

އަދި ދިރިއުޅުމަށް ރަނގަޅު ބިންގަލެއް އެޅޭނީ އެ ކުއްޖަކު އެންމެ ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދާން މަސައްކަތް ކޮށްގެންކަމަށާއި، ކޮންމެ ދާއިރާއަކީ ވެސް އޭގެ ޒާތުގައި ރަނގަޅު، ފުރުސަތުތައް ފަހި ދާއިރާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަރައްގީގެ އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އެބަ ހިނގާ. ޒަރޫރީ ހިދުމަތްތައް ނެތް ކިތަންމެ ރަށެއްގައި އެ ހިދުމަތްތައް އެބަ ގާއިމުކުރެވޭ. އެއިން ކޮންމެ ހިދުމަތަކީ ވަޒީފާގެ އެތައް ފުރުސަތެއް. ބޭނުންވަނީ، އެ ވަޒީފާތައް އަދާކުރާނެ ހުނަރުވެރި އަދި ފަންނުވެރި ތައުލީމީ ދިވެހި ޒުވާނުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސާނަވީއާއި މަތީ ސާނަވީ ނިންމާ ދަރިވަރުންގެ ވިސްނުން އަމާޒު ކުރަންވީ ގައުމު ބިނާކުރުމަށްކަމަށެވެ. އެގޮތުން ގައުމެއް ބިނާވާނީ ކުދިންގެ އަމިއްލަ ނަފްސު ބިނާކުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ޝަޚްސިއްޔަތެއްގައި ހުންނަންޖެހޭނެ އިލްމީ ގާބިލްކަމާއި ފަންނީ ހުނަރުވެރިކަން ލިބިގަތުމަށް މަސައްކަތް ކުރަން ރައީސް އެދިވަޑައިގަތެވެ.

މިދިޔަ ދެ އަހަރު ދަރިވަރުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ ދަރިވަރުން ހޯދި ކާމިޔާބީއަށް މަރުހަބާކިޔާފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިދިޔަ ދެ އަހަރު ތިޔަ ދަރިވަރުން ކުރި ބުރަ މަސައްކަތަކީ ދަތި އުނދަގޫ ހާލަތްތަކަށް ކެތްތެރިވެ ހިތްވަރާއެކު އާ އަޒުމެއްގައި ކަންކަމާ ކުރިމަތިލުމުގެ ވަރަށް ފުރިހަމަ ނަމޫނާއެއް. އަދި އެއީ އަޒުމެއް އޮތިއްޔާ ކިތަންމެ ބޮޑެތި ހުރަސްތަކެއް ގިރާކޮށްފައިވެސް ކާމިޔާބީގެ އައްސޭރި އަތުވާނެ ކަމުގެ ވަރަށް އަލިގަދަ ހެއްކެއް،" ރައީސް ވިދާޅުވިއެވެ.