އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް އަނިޔާ ކުރާ މީހުންގެ މައްސަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ދަރިވަރުންތަކަކަށް ބެހުނު ކަމަށް ތުހުމަތުކޮށް، ހުޅުމާލޭގެ ޣާޒީ ސުކޫލްގެ ޓީޗަރަކަށް އެކުދިންގެ ބެލެނިވެރީން ކަމަށް ބެލެވޭ ބަޔަކު އަނިޔާކުރުމަށްފަހު އެމީހާ ބަރަހަނާ ކޮށްލާފައިވާ ވަނިކޮށެވެ.

މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ އަތުންނާއި ފައިން ތަޅައި އެމީހާއަށް ވަރަށް ބޮޑަށް އަނިޔާކޮށް، ބަރަހަނާ ކުރާ މަންޒަރެވެ.

މި މައްސަލައާ ބެހޭގޮތުން ފުލުހުން ބުނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ތަހުގީގު ކޮށް އެފަދަ މީހުންނަށް އަދަބު ދެވޭނެ ގޮތްތައް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ގާނޫނުތަކާ ހިލާފު، އަނިޔާވެރި ޢަމަލުތައް ހިނގުމަކީ އެ ޚިދުމަތުން ނުހަނު ކަންބޮޑުވާ، އަދި މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ފަދަ ޢަމަލުތައް ކަމަށެވެ.

"އެހެންކަމުން، މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް މި ޚިދުމަތުން އިލްތިމާސްކުރަން. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ޓަކައި ދަންނަވަން،" ފުލުހުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ވައްކަން ކުރުމާ ފޭރޭ މީހުންނަށް އާއްމުން ނުކުމެ، އަނިޔާ ކުރުމަކީ މި ފަހަކަށް އައިސް ރާއްޖޭގައި އާއްމުވަމުން އަންނަ މައްސަލައެކެވެ.