ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާކަމަށް ބުނެ އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަން ސަސްޕެންޑުކުރަން ނިންމި ނިންމުން އުވާލުމަށް އެ ގައުމުން ފީފާގައި އެދިއްޖެއެވެ.

އިންޑިއާ ސަސްޕެންޑު ކުރިކަން އެންގުމަށް ފީފާއިން ނެރުނު ބާޔާނުގައި ބުނެފައިވަނީ އެ ސަސްޕެންޝަން އުވާލާނީ އެ ގައުމުގެ ފުޓުބޯޅަ ފެޑްރޭޝަންގެ ބާރުތައް އަލުން އެ ފެޑްރޭޝަނަށް ދިނުމުންކަމަށެވެ.

އެހެންކަމުން މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ފުޓުބޯޅަ ފެޑްރޭޝަންގެ ކަންކަން ކުރުމަށް އިސްކޮށްފައިވާ ކޮމެޓީ އުވާލައި، އެ ގައުމުގެ ފުޓުބޯޅައިގެ ހުރިހާ ބާރެއް އެގައުމުގެ ފުޓުބޯޅަ ފެޑްރޭޝަނަން ދިނުމަށް އެއްބަސްވެފައެވެ.

ފީފާގެ ސެކެޓްރީ ޖެނެރަލް ފާތުމާ ސަމޫރާއަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެގައުުމު ސަސްޕެންޑު ކުރަން ނިންމި ނިންމު އަލުން މުރާޖާ ކުރުމަށް އިންޑިއާއިން އެދޭކަމަށެވެ.

ފީފާއިން އިންޑިއާ ސަސްޕެންޑު ކޮށްފައިމިވަނީ މިދިޔަ މޭ މަހުގެ ތެރޭގައި އެ ގައުމުގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ފުޓުބޯޅަ ފެޑްރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް އާއި އޭނާގެ ހިންގާ ކޮމެޓީގެ ބާރު ކަނޑުވާލައި، އެ ގައުމުގެ އެފްއޭއެ ހިންގުމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ކޮމިޓީއަކާ ހަވާލުކުރުމާ ގުޅިގެންނެވެ.

އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިންޑިއާގައި ފަށަން ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް އެ ގައުމުގައި ނުބާއްވާނެކަމަށް ފީފާއިން ވަނީ ބުނެފައެވެ.

އެހެންކަމުން އަވަސް މުސަތަގުބަލެއްގައި އެ މުބާރާތް ބާއްވާނެ ގައުމެއް އިއުލާނު ކުރާނެކަމަށް ފީފާގެ ބަޔާނުުގައި ބުނެފައިވެއެވެ.