29 Mar 2012, 23:12
ވިޔަފާރި އިން ޓެކްސް ނެގުމަށް ފަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އެ އޮތޯރިޓީން މިއަދު ހާމަކޮށްފި އެވެ.
މީރާ އިން މިއަދު އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.
މީރާ އަށް ޖީއެސްޓީ ނުދައްކާ ފަރާތްތައް މިއަދު ހާމަކުރި އިރު ބައެއް ވިޔަފާރިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ޓޫރިޒަމް ދާއިރާގައި ހިމެނޭ ބައެއް ތަންތަން ހިމެނެ އެވެ.
ޓޫރިޒަމް ދާއިރާ އަށް ނިސްބަތްވާ 20 ވިޔަފާރިއަކުން ޓެކްސް ނުދައްކައިގެން ހާމަކުރި ތަންތަނުގެ ތެރޭގައި
ބައެއް ސުވެނިއާ ޝޮޕްތަކާއި އަދި ޓްރެވެލް އެޖެންޓްތައް ހިމެނެ އެވެ.
ޓޫރިޒަމްގެ ދާއިރާ އަށް ނިސްބަތް ނުވާ ވިޔަފާރިތަކުގެ ތެރޭގައި އާންމުކޮށްފައި ވަނީ މާލެ ހިމެނޭ ސަރަހައްދެވެ. އެއީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށިހިމެނޭ ސަރަހައްދެވެ.
އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހާއި ޑިސެމްބަރު ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓް 104 އަށް އަރަ އެވެ.
ޖީއެސްތީ ނުދައްކާ ތަންތަން މިއަދު ހާމަކުރި އިރު އެތަންތަން މީރާގައި ރަޖިސްޓްރީ ކުރިއިރު ދީފައިވާ ފޯނު ނަންބަރުތަކުން ގުޅަން މަސައްކަތްކޮށް ނުގުޅިފައިވާ ފަރާތްތައް ވެސް ވަނީ ވަކިން ފާހަގަކޮށްފަ އެވެ.
މީރާ އިން މިއަދު ނަންތައް ހާމަކޮށްފައި މިވަނީ ޖީއެސްޓީ ނުދައްކާ ނަމަ އެ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށް އާންމުކޮށް އިއުލާންކުރުމަށް ފަހު އެވެ.