24 Aug 2022, 14:55
ސަރުކާރުގެ ގިނަ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލު ކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުންފާޅުކޮށްފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމް ހާޒިރުކޮށް ގިނަ ސުވާލުތަކެއް ކޮށްފައިވާއިރު ވައިކަރަދޫ ދާއިރާގެ މެމްބަރު ޙަސަން ޒިޔާދު ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން މެމްބަރު ވަނީ ހދ. ކުރިނބީ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓު ޓެންޑާއަށް ފޮނުވާފައިވީ ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި މިހާރު ޑައިރެކްޓް އެވޯޑެއް އެމްޓީސީސީއަށް ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެހެން މީހަކު ހަވާލު ނުވާ ހުރިހާ މަސައްކަތެއްގެ ޑައިރެކްޓް އެވޯޑް އެމްޓީސީސީއާ ހަވާލުކުރެވިދާނެ ކަމަށެވެ. ނަމަވެސް އެމްޓީސީސީއަށް ވެސް އޯވާލޯޑްވާ ހިސާބެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމަ ޑައިރެކްޓް އެވޯޑް އެމްޓީސީސީއަށް ދިނުމުގައި ބައެއް ފަހަރު މިހާރު ވިސްނާލަން ޖެހޭ. މަސައްކަތް ހަވާލު ކުރިއަސް ވާނެހޭ. މަސައްކަތް ހަވާލު ކޮށްފީމޭ ބުނަން ހަވާލު ކުރެވިދާނެ." މިނިސްޓަރު ވިދާޅުވިއެވެ.
އެ ޖަވާބާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ 2010 ވަނަ އަހަރު ހަތަރު ޑްރެޖިންގް ކުންފުންޏާ އަދި ވަރަށް ގިނަ ބަނދަރު ހަދާ ކުންފުނިތައް ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދިއަ ކަމަށެވެ. އެހެންނަމަވެސް ތަކުރާރުކޮށް ސަރުކާރުން ހަމައެކަނި އެމްޓީސީސީއަށް ޕްރޮޖެކްޓްތައް ދެމުން ގެންދިއުމުން އެ ކުންފުނިތައް ބަނގުރޫޓުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އެ ކުންފުނިތަކަށް މަސައްކަތް އެއްގޮތަކަށް ވެސް ނުލިބޭ. އަޅުގަނޑަށް ފެންނަގޮތުގައި މި މަގަށް މަސައްކަތްތައް ގެންދިއުމަކީ ސަރުކާރުގެ އެމްޑީޕީގެ ސިޔާސަތާ ވެސް މުޅިން ފުށުއަރާ ކަމެއް. އަދި ރާއްޖޭގެ ތަރައްގީއަށް ވެސް ހުރަސްއެޅޭ ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން 92 މަޝްރޫއު ނިންމާފައިވާއިރު މިހާރު ވެސް 110 މަޝްރޫއު ކުރިއަށްގެންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.