24 Aug 2022, 14:50
ވޮޝިންޓަން (24 އޮގަސްޓް 2022) : އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަގަށް ނަންގަވާފައިވާ އެމެރިކާ ސަރުކާރުގެ ލިޔުންތަކުގެ ތެރެއިން މިހާތަނަށް 700 ސަފުހާގެ ޑޮކިއުމެންޓާއި ލިޔުންތައް އަނބުރައި ހޯދިއްޖެކަމަށް އެމެރިކާގެ ގައުމީ އަރުޝީފު ކަމަށްވާ ނެޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
އެ އިދާރާއިން ވެރިޔާ ޑެބްރާ ސްޓައިޑެލް ވޯލް ވިދާޅުވިގޮތުގައި މިތަކެތި ހޯދާފައިވަނީ އެމެރިކާގެ އެފްބީއައިގެ އެޖެންޓުން މި މަހުގެ 8 ވަނަ ދުވަހު ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ، ޓްރަމްޕުގެ ރިސޯޓް ކަމަށްވާ މާރްއާލޯގޯ ރެސޯޓަށް ވަދެ ހިންގި އޮޕަރޭޝަންގައެވެ.
އެ އޮޕަރޭޝަންގައި އެފްބީއައިގެ އެޖެންޓުން ވަނީ ޓްރަމްޕާއި އޭނާގެ އާއިލާ ދިރިއުޅޭ ރިސޯޓާއި އެރިސޯޓުގައި ހުންނަ ޓްރަމްޕަށް ޚާއްސަ ގެ ފާސްކޮށް ޓްރަމްޕްގެ ތިޖޫރީތަކާއި އަލަމާރިތައް ބަލައި ހާވައިގެން ގިނަ އަދަދެއްގެ ލިޔުންތައް ގެންގޮސްފައެވެ. އެކަންކުރީ ކޯޓު އަމުރެއްގެ ދަށުންނާ އަދި އެމެރިކާގެ އެޓާނީ ޖެނެރަލްގެ ހުއްދައާވެސް އެކުގައެވެ.

އެމެރިކާގެ ގައުމީ އަރުޝީފު ގެ އިމާރާތް
ނަމަވެސް ޓްރަމްޕް ވަނީ މިމައްސަލާގައި ކޯފާވެގެން "އެފްބީއައި" އާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް ދައުވާ ހުށަހަޅުއްވާފައެވެ. ޓްރަމްޕު ހުށަހެޅުއްވި ދައުވާގައި އެދިވަޑައިގެންފައި ވަނީ، އެފްބީއައިގެ އެޖެންޓުން އޭނާގެ ގެއިން ގެންދިޔަ ލިޔެކިޔުންތަކާއި ފައިލްތަކާބެހޭ ތަހުގީގުތައް ހުއްޓުވައިދިނުމަށެވެ.
އެމެރިކާގެ ނެޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަނުން ތުހުމަތުކުރާގޮތުގައި 2021 ވަނައަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ރިއާސީ ދައުރު ފުރިހަމަ ކުރައްވައި ޓްރަމްޕް ވައިޓްހައުސްއިން ނުކުމެ ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ވައިޓް ހައުސްއިން ގިނަ އަދަދެއްގެ ރަސްމީ ހައްސާސް ލިޔުންތައް ވަގަށް ގެންދަވާފައެވެ.
ޓްރަމްޕް މިކަން ދޮގުކުރައްވައެވެ. ޓްރަމްޕް ވަނީ އެފްބީއައިގެ އެޖެންޓުން އޭނާގެ ތިޖޫރީވެސް ފަޅާލައި ފައިސާވެސް ވަގަށް ނެގިކަމަށް ތުހުމަތު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ކުރިން އަންގާލުމަކާވެސް ނުލައި އެފްބީއައިގެ އެޖެންޓުންގެ ލަޝްކަރެއް ކުއްލިގޮތަކަށް އައިސް އޭނާގެ ރިސޯޓަށް އަރައިގަނެ އޭނާގެ ރިސޯޓާއި ދިރިއުޅުއްވާގެވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީއެވެ. އެތަން ހިފީއެވެ. އަދި ތިޖޫރީވެސް ފަޅާލައި ވައްކަންކުރީއެވެ.
އެމެރިކާގެ ދައުލަތުގެ ލިޔުންތައް ބެލެހެއްޓުމަކީ ވައިޓް ހައުސްގެ މަސްއޫލިއްޔަތެއް ނޫނެވެ. އެއީ އެމެރިކާގެ ގައުމީ އަރުޝީފު ކަމަށްވާ ނެޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަންގެ ޒިންމާއެކެވެ. އެފްބީއައި އިން މިކަންކުރީ ގައުމީ އަރުޝީފުގެ އެދުމަކަށެވެ.
ރިޕޯޓްތައް ބުނާގޮތުން "އެފްބީއައި" ގެ އޭޖެންޓުން ޓްރަމްޕުގެ ގެ ބަލައި ފާސްކުރުމަށްފަހު 20 ފޮށިގަނޑުގެ ލިޔުންތައް ގެންދިޔައެވެ. އެފޮށިގަނޑުތަކުގައި ހުރި ފައިލްތަކުގައި 700 ސަފްހާއަށްވުރެ ގިނަ ލިޔުންތައް ހުރިކަމާއި އެހުރިހާ ލިޔުންތަކާއި ޑޮކިއުމެންޓްތަކަކީވެސް އެމެރިކާގެ ދައުލަތުގެ ސިއްރު ލިޔުންތައްކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ލިޔުންތަކުގެ ތެރޭގައި އެމެރިކާގެ ނިއުކްލިއަރ ހަތިޔާރާ ގުޅުންހުރި ލިޔުންތަކާއި އާއްމުކުރުން ހުއްދަނޫން ގިނަ ލިޔުންތަކެއް ހިމެނޭކަމަށް ވެއެވެ.
ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި އެފްބީއައިގެ އަމަލަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަޑީގައި ހުންނަވައިގެން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާއަށް ބައިވެރިނުވެވޭގޮތް ހެދުމުގެ ސިޔާސީ ރޭވުމުގެ ދަށުން ކުރި ކަމެކެވެ.
ޓްރަމްޕުގެ ގެއިން ފެނުނު ލިޔުންތަކުގެ ހަގީގަތް އަދި މުޅިން ސާފެއް ނުވިނަމަވެސް އޭނާއާއި އޭނާގެ ސަޕޯޓަރުން ދެކޭގޮތުގައި މިއީ ޖޯބައިޑެން އާއި ކޮންގްރެސްގެ އަޣްލަބިއްޔަތު އޮންނަ ބައިޑެންގެ ޕާޓީގެ ކޮންގްރެސްމަނުން އަޑީގައި ތިއްބަވައިގެން ސިޔާސީ ގޮތުން އޭނާ ފްރޭމްކޮށް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާއަށް ބައިވެރިނުވެވޭގޮތް ހެދުމުގެ ރޭވުމުގެ ދަށުން ކޮށްގެން އުޅޭކަމެކެވެ. އަދި ޓްރަމްްޕް ވަނީ އެމެރިކާގައި ކުރިޔަށް އޮތް ކޮންގްރެސްގެ މިޑްޓާރމް އިލެކްޝަންއާ ވެސް މިކަން ގުޅުވާފައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ މިޑްޓާމް އިލެކްޝަނާ ދިމާކޮށް އޭނާގެ ރިބަޕްލިކަން ޕާޓީގެ އަގު ވައްޓާލުމަށް ހިންގި ހުތުރު އަމަލެކެވެ.
ނަމަވެސް އެމެރިކާގެ ދައުލަތުގެ ލިޔެކިޔުންތައް ބަލަހައްޓާ ފަރާތަކީ އެމެރިކާގެ ގައުމީ އަރުޝީފު ކަމަށްވާ ނެޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަން އިންނެވެ. މިއީ ވައިޓް ހައުސް އާ ބެހޭކަމެއް ނޫނެވެ.