ވޮޝިންޓަން (24 އޮގަސްޓް 2022) : އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީގެ ފިރިކަލުން ޕޯލް ޕެލޯސީ ރާބޮއެގެން އާންމުންގެ ފުރާނައަށް ނުރައްކާވަފަދަ އަމަލުތަކެއް ހިންގިކަން ސާބިތުވުމުން އޭނާ ޖަލަށްލައި ހަ ހާހަށްވުރެ ގިނަ ޑޮލަރުން ޖޫރިމަނާކޮށް އަހަރެއްވަންދެން އެއްގަމު އުޅަނދެއް ދުއްވުން މަނާކުރުމަށާއި ވަކި މުއްދަތަކަށް މުޖްތަމައަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ކެލިފޯނިއާގެ ނަޕާ ކައުންޓީގެ ކޯޓަކުން ޕޯލް ޕެލޯސީ ގެ މައްޗަށް މި ހުކުމް ކުރީ އޭނާ ކުށަށް އިއުތިރާފުވުމުންނެވެ. ކެލިފޯނިއާގެ ފުލުހުން، މިދިޔަ މޭމަހު ޕޯލް ޕެލޯސީ އަތުލައިގަތީ އޭނާ ރާބޮއި މަސްތުވެފައިވާ ހާލުގައި ކެލިފޯނިއާގެ ހައިވޭއެއްގައި އިދިކޮޅަށް ދުއްވައި އެ ހައިވޭ ގަވައިދާ ޚިލާފަށް ހުރަސް ކުރުމާ ގުޅިގެންނެވެ.

ޕޯލް ޕެލޯސީ އަކީ އުމުރުން 86 އަހަރުގެ މުސްކުޅިއެކެވެ. އޭނާ މަސައްކަތްކުރަނީ އެމެރިކާގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ވެންޗާ ކެޕިޓަލް އިންވެސްޓްމަންޓް ފާމެއްގެ އެގްޒެކެޓިވެއްގެ ގޮތުގައެވެ. ޕޯލް، ރާބޮއި މަސްތުވެފައިވާ ހާލުގައި ހައިވޭއެއްގައި އިދިކޮޅަށް ދުއްވުމުން ދެކާރުގައި ޖެހި އެކްސިޑެންޓް ވެފައިވެއެވެ.

މި ހާދިސާގައި އޭނާއަށް ވެސް އަދި އެކްސިޑެންޓް ވީ ދެކާރުގައި ތިބި މީހުންނަށް ވެސް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނާގޮތުގައި ޕޯލް، ރާބޮއި މަސްތުވެފައިވާ ހާލަތުގައި މިގޮތަށް ކާރު ދުއްވުމަކީ އެކްސިޑެންޓްވެ އެތައްބަޔަކު މަރުވުމުގެ ފުރުސަތު ބޮޑުކަމެކެވެ. ޕޯލް އަކީ އާންމުގޮތެއްގައި ޑިސިޕްލިން ރަނގަނޅު މީހެއް ކަމަށްވެއެވެ.

ޕޯލްއަށް ކުރި ހުކުމް ކުޑަވީ ކުށަށް އިއުތިރާފުވެ ކުރެވުނު ކަންތަކާމެދު ހިތާމަކުރާކަމަށް ބުނުމުންނެވެ. ޕޯލްގެ މައްޗަށް ކުރި ހުކުމުގައި އޭނާގެ މުސްކުޅި އުމުރަށް ވެސް ބަލާފައިވެއެވެ.

މި ހުކުމުގެ ދަށުން ޕޯލް ޖަލުގައި ހުންނަންޖެހޭނީ 5 ދުވަހުއެވެ. ޖޫރިމަނާކުރި ފައިސާކަމަށްވާ 6800 ޑޮލަރު ވަގުތުން ކޯޓަށް ދައްކަންޖެހޭނެއެވެ. އަދި ކުރުމުއްދަތަކަށް އޭނާ މުޖްތަމައަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން ވެސް ޖެހޭނެއެވެ. އަދި އަހަރެއް ވަންދެން އޭނާ ހުންނާނީ އެމެރިކާގެ ފުލުހުންގެ މޮނިޓަރިންގެ ދަށުގައެވެ. އެއީ ޓެގެއް އަޅުވައިގެންނެވެ. މިމުއްދަތުގައި އޭނާއަށް އެއްވެސް އުޅަނދެއް ނުދުއްވޭނެއެވެ.

ޕޯލްގެ އަންހެނުން އުމުރުން 85 އަހަރުގެ ނެންސީ ޕެލޯސީއަކީ ކޮންގްރެސްގައި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާއެވެ. އެމެރިކާގެ ދައުލަތުގެ ހައިރާކީ އޮންނަ ގޮތުން ނެންސީއަކީ އެމެރިކާގައި ތިންވަނައަށް އެންމެ އިސް މަސްއޫލުވެރިއާއެވެ.