24 Aug 2022, 13:23
ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓު އެޓް އާމްސް، މުޙައްމަދު ހަލީމް ވަކި ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހަލީމް އެ މަގާމުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އެކަމަށްޓަކައިނެގުނު ވޯޓުގައި ބައިވެރިވި 25 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.
މަޖިލީހުގެ އާންމު ކޮމެޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހަލީމް ސަސްޕެންޑު ކުރީ އޭނާއަށް ލިބެންވާ މުސާރަ ލިބޭގޮތަށެވެ. ވަކި މުއްދަތެއް ނެތްގޮތަށް އޭނާ ސަސްޕެންޑު ކުރީ ފާއިތުވި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އާންމު ކޮމެޓީން ހަލީމްގެ މައްސަލައަށް ގޮތެއް ނިންމުމަށްފަހު ހަމަ އެ އަހަރުގެ މެއި މަހު ވަނީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަރުވާފައެވެ. މައްސަލައިގެ ބާވަތުން ސިއްރު ބައްދަލުވުންތަކެއް ބާއްވައިގެން ކޮމެޓީން ހަލީމްގެ މައްސަލަ ބަލާފައިވާއިރު މަޖިލީހުގެ އިދާރީ މުވައްޒަފުން ތިބޭ ވައިބާ ގުރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްފައެވެ.
މަޖިލީހުގެ ސެކުއުރިޓީ ބެލެހެޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ސާޖެންޓު އެޓް އާމްސްގެ މައްޗަށެެވެ. މީގެ ކުރިން މަޖިލީހުގެ ކޮޓަރި ކޮޅެއްގައި ދެކެވޭ ވާހަކަ އެޑުއެހުމަށް "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 2013 ވަނަ އަހަރު އެވެ. ހަލީމް ސާޖެންޓު އެޓް އާމްސްގެ މަގާމަށް އައްޔަން ކުރެވިފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.