24 Aug 2022, 13:26
ކްރިމިނަލް ކޯޓު މާސްޓަރެއްގެ ގަޔަށް ކުޅު ޖަހައި އެތަނުގެ ހުރުމަތް ކެނޑުމުން ފަނަރަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި މީހާ އަނެއްކާ ވެސް ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށް ލައިފިއެވެ.
ކޯޓުގެ ހުރުމަތް ކެނޑުމުން ޏ. ފުވައްމުލައް-މިސްކިތްމަގެ / ކެލާގެ, އަހްމަދު ސާލިހްގެ މައްޗަށް އެންމެ ފުރަތަމަ ހުކުމް ކުރީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ފަނަރަ ދުވަހަށް ޖަލަށް ލުމަށް އެ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރީ ކޯޓުގެ އަދަބުތަކާ ތަކުރާރުކޮށް ހިލާފު ވުމުންނެވެ. އެކަން ނުކުރުމަށް ސެކިއުރިޓީ ނަސޭހަތް ދިނުމުން ނުހުއްޓައި ކޯޓު މާސްޓަރެއްގެ ގަޔަށް ވަނީ ކުޅު ވެސް ޖަހާފައެވެ.
އޭގެ ހަތަރު ދުވަސް ފަހުން ކޯޓަށް ހާޒިރު ކުރުމުން ވެސް އޭނާ ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައެވެ. ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އެ މީހާ މި މަހުގެ 11 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ވަނީ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ޝަރީއަތުގެ މަޖިލިސް ދޫކޮށް ގޮސްފައެވެ.
އެހެން ކަމުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި އިތުރު 15 ދުވަހަށް އޭނާ ޖަލަށް ލުމަށް ގާޒީ އަހްމަދު ޝަކީލް ވަނީ ހުކުމް ކޮށްފައެވެ.