24 Aug 2022, 11:42
އަމިއްލަ ރަށް ނޫން އެހެން ރަށަކުން ގޯތި ލިބުން ގާނޫނުން މަނާ ނުކުރާ ކަމަށާއި އެގޮތަށް އެކަން ކުރެވޭނެ އުސޫލެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ހައުސިންގް މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ ގޯތި ދިނުމުގެ ސިޔާސަތާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.
ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މީހަކު އޭނާގެ ރަށް ނޫން އެހެން ރަށެއްގެ ބިމަކަށް އެދިގެން އެމީހާއަށް އެތަން ދިނުމަކީ ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާ ކުރާ ކަމެއް ނޫން ކަމަށެވެ.
"ދިވެހި ރައްޔިތެއް ކަމަށް ވަންޏާ ދިވެހިރާއްޖޭގެ ކޮންމެ ތަނަކުންވެސް ބިންކޮޅަކަށް އެދެވިދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބިމާ ގުޅޭ ގޮތުން ފުޅާކޮށް ވާހަކަދައްކައި ވިސްނާލައި މުސްތަގުބަލުގައި އަމަލުކުރާނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުން ވެސް ގޯތި ދޫކުރާ އުސޫލު ކަނޑައަޅައި މިނިސްޓްރީއަށް ފޮނުވާއިރު ކޮންމެ އުސޫލެއްގައި ވެސް އޮންނަނީ އެރަށުގެ މީހާއަށް ގޯތި ލިބޭ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލޭގެ ރައްޔިތުންނަށް މިއަދު ގޯތި ދިނުމުގެ ކަންތައް ކުރިއަށް ގެންދާއިރު އަމަލު ކުރަނީ އެބީދައިން ކަމަށް ވެސް ވިދާޅުވިއެވެ.
"ހަމައެކަނި މާލޭގަ ޖެހުނީމަކާ ނޫން ނޫނީ އެ މީހެއްގެ ރަށުގައި ޖެހުނީމަކާ ނޫނޭ މިކަން ކުރަން ޖެހެނީ، މުޅި ގައުމާ ދޭތެރޭގައި އެއް ހަމައަކުން ވިސްނައި، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކޮންމެ ތާކުން ވެސް ލިބެންޖެހޭ، އެކަމަކު ހިލޭ ދޭ ކަމަށް ވަންޏާ އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެން ބަންޑާރައިން ދޭ އުސޫލު އޮވެއްޖެ ކަމަށް ވަންޏާ ޔަގީން ކޮންމެ މީހަކު ވެސް ބޭނުންވާނީ އޭނާއަށް ލިބިފައި އެހެން މީހަކަށް ލިބެން." މިނިސްޓަރު ވިދާޅުވިއެވެ.
ބައެއް ރަށްރަށް ހިއްކަމުން ގޮސް ނުހިއްކޭ ވަރަށް ގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.