ނިއުދިއްލީ (މާޗް 29): ވޯލްޑްބޭންކާ އެއްފަދަ ޑިވެލޮޕްމެންޓް ބޭންކެއް އުފައްދަން ގަސްދުކުރާކަން އިޤްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުންދާ ޤައުމުތައް ކަމަށްވާ "ބްރިކްސް"ގެ ޤައުމުތަކުން ހާމަކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ކުރިޔަށްދިޔަ އެޖަމާއަތުގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް ގައެވެ. ވޯލްޑް ބޭންކާ އަދި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) ފަދަ ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމާބެހޭ ގޮތުން ބްރިކްސް އިން އިޢްލާން ކުރި ޕްލޭން ބުނާ ގޮތުން މިއީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ބޭނުންވާ ދިގުމުއްދަތާއި ކުރު މުއްދަތުގެ ލޯންތައް ލުއިޝަރުތުތަކާ އެކު ދިނުމަށްޓަކައި ބްރިކްސްގެ ފަސް ޤައުމު ގުޅިގެން އުފައްދާ ބޭންކެއް ކަމުގަ އެވެ. މިކަމާ ބެހޭ ތަފްސީލް ސަމިޓުންނެރުނު ގުޅިފައިވާ ބަޔާނުގައި ހިމަނާފައެއްނުވެ އެވެ.

ބްރިކްސްގެ ބޭންކް އުފެއްދުމަށް ބޭނުންވާ ދިރާސާތައް މިއަހަރު ފެށުނުނަމަވެސް މިކަންފުރިހަމަކޮށް ބޭންކް ވުޖޫދަށް ގެނައުމަށް އަދި ދެއަހަރެއްހާ ދުވަސްނަގާނެ ކަމަށް ބްރިކްސްގެ ޤައުމެއް ކަމަށްވާ އިންޑިޔާގެ ޚާރިޖީ ވުޒާރާގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ ސުދޭރު ވިޔާސް ވިދާޅުވި އެވެ.

ބްރިކްސް އިން އުފައްދާ ޑިވެލޮޕްމެންޓް ބޭންކްގެ ބޭނުމަކީ ފަގީރުޤައުމުތަކަށް އެހީތެރިވެ ދުނިޔޭގައި ފަގީރުކަން ކުޑަކުރުން ކަމަށާއި ބޭންކުގެ އަސާސީ ޤަވާޢިދު އެކުލަވާލައި ބޭންކުގެ ރައްސުލްމާލް ހޯދުމަށް ދެ އަހަރެއްހާ ދުވަސް ނަގާނެކަމަށް ސުދޭރު ވިދާޅުވި އެވެ.

ދުނިޔޭގެ އާބާދީގެ 45 ޕަސެންޓް މީހުން ހިމެނެނީ ބްރިކްސްގެ ޤައުމުތަކުގަ އެވެ. މީގެތެރޭގައި ދުނިޔޭގެއެންމެ އާބާދީ ބޮޑު ދެޤައުމުކަމަށްވާ އިންޑިޔާ އާއި ޗައިނާ ހިމެނެ އެވެ. ބްރިކްސް ގެ ޤައުމުތަކުގެ އިޤްތިސާދު 14 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އަރާއިރު މިއީ ދުނިޔޭގެ އިޤްތިސާދުގެ ފަސްބައިކުޅަ އެއްބަ އެވެ. ބްރިކްސް ގެ އިޤްތިސާދު އެމެރިކާގެ އިޤްތިސާދަށްވުރެ އެއް ޓްރިލިޔަން ބޮޑެވެ.

ބްރިކްސް ގެ ޤައުމުތަކަކީ ޗައިނާ، އިންޑިޔާ، ރަޝިޔާ، ބްރަޒިލް އަދި ދެކުނު އެފްރިކާއެވެ. (އަލްޖަޒީރާ)