24 Aug 2022, 11:03
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙްމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވެސް އަދި ކުންފުނިން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ސުހައިލް އެ މަގާމަށް އައްޔަން ކުރީ މިސަރުކާރަށް ވެރިކަން ލިބުމާއެކު 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ 2012 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް އެ މަގާމު ފުރުއްވައިފައެވެ.
އޭނާ އެ މަގާމުން އެފަހަރު އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ކަންކަން ހުރި ގޮތުން ވަޒީފާގައި ހުރުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެއެވެ.
ސުހައިލަކީ ހުޅުމާލޭގެ ތަރައްގީގެ ގިނަ މަޝްރޫތަކެއް ހިންގި ބޭފުޅެކެވެ.