24 Aug 2022, 09:48
ރާއްޖޭގައި އޭލެވެލް ހަދާ ދަރިވަރުންނަށް ދޭ އެޑެކްސެލް އިމްތިހާނު، ކެމްބްރިޖް އިމްތިހާނަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޑެކްސަލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި އަންނަ އަހަރު ކޭމްބްރިޖް އިންޓަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ހަމައެއާއެކު ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ.
އެޑިއުކޭޝަނުގެ ބަޔާނުގައިވާ ގޮތުން ގުރޭޑު 12ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނީ 2024-2025 ވަނަ އަހަރު ކަމަށްވާއިރު ކޭމްބްރިޖް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު ބާއްވާނީ 2025 އަހަރުއެވެ.
ނަމަވެސް އެޑިއުކޭޝަނުން ގެނެއި އެ ބަދަލާއެކު މި އަހަރު އޭލެވެލް ފަށާ ދަރިވަރުންގެ އިމްތިހާނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އޭލެވެލްގެ އެޑެކްސެލް އިމްތިހާނު ކެމްބްރިޖަށް ބަދަލުކުރުމަކީ ބޮޑު ބަދަލަކަށްވާއިރު އެ ބަދަލު ގެނައި ސަބަބު އަދި ސާފުވާ ގޮތެއް ނުވެއެވެ.