މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ޖަލު އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށީ އިއްޔެއެވެ.

އެގޮތުން ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯން ކެމެރާ ބޭނުންކުރާނެއެވެ.

ކަރެކްޝަންސް އިން ބުނީ ބޮޑީވޯން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެއެވެ. އަދި ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުގީގުކުރަންޖެހޭ ހާލަތުގައި، ކަރެކްޝަންސްގެ އެތެރޭންނާއި ބޭރުން ތަހުގީގުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ޒެޓާ ޓެކްނޮލޮޖީސްއާއެކު މިއަހަރުގެ 17 ވަނަ ވެވުނު އެއްބަސްވުމެއްގެ ދަށުނެވެ.

ކަރެކްޝަންސް އިން ބުނީ މުސްތަޤުބަލްގައި މި ކެމެރާތައް ދާއިމީކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ.