ބަޣްދާދު (މާޗް 29): ޢިރާޤުގެ ބަޣްދާދުގައި މިއަދު އިފްތިތާޙުކުރި ޢަރަބި ޤައުމުތަކުގެ އިސްވެރިންގެ 23 ވަނަ ސަމިޓްގެ މައިގަނޑު މައްސަލައަކަށް ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކުގެ މައްސަލަ ވެގެން ހިނގައްޖެވެ.

މިސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ތަޤްރީރު ކުރެއްވި ޢަރަބި ޒަޢީމުންގެ ވާހަކަތަކުގައި އެންމެ އިސްކަމެއް ދެއްވީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމާ ބެހޭ ގޮތުންނެވެ. ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށްޓަކައި ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ޢަރަބި ޒަޢީމުން ގޮވާލެއްވި އިރު ކުރީގެ ސަމިޓްގެ ޗެއަރޕާސަން ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް ވަނީ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަމުގެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބައްޝާރުގެ ސަރުކާރު ކުށްވެރި ކުރައްވައިފަ އެވެ.

ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުން ސުލްޙަވެރިކަމާ އެކު ކުރަމުންގެންދިޔަ އިޙްތިޖާޖްތަކާ ދެކޮޅަށް އަނިޔާވެރިކަމާ އެކު ބާރުގެ ބޭނުންކޮށް މީހުން މަރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެޤައުމު އަހްލީ ހަނގުރާމައަކަށް ވެއްޓި ރައްޔިތުން ޙާލުގައި ޖެހިފައިވާ ކަމަށް ލީބިޔާގެ ރައީސް ވިދާޅުވި އެވެ.

ބަޣްދާދުގައި މިއަދު ފެށުނު ޢަރަބި 23 ވަނަ ސަމިޓް އިފްތިތާޙް ކޮށްދެއްވީ ކުރީގެ ސަމިޓްގެ ޗެއަރޕަރސަންގެ ޙައިސިއްޔަތުން ލީބިޔާގެ ރައީސް މުސްތަފާ އަބްދުލްޖަލީލެވެ. އޭނާ ވަނީ ސަމިޓްގެ ޗެއަރޕާސަން ކަން ޢިރާޤުގެ ރައީސް ޖަލާލްއައްތަލަބާނީއާ ޙަވާލުކުރައްވާފަ އެވެ.

ޢަރަބި ސަމިޓްގެ ޚާއްސަކޮށް އެޖެންޑާގައި އެންމެބޮޑު އިސްކަމެއް ދީފައި ވަނީ އދ. ގެ މަންދޫބު ކޯފީއަނާން ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށް އެކުލަވާލާފައިވާ 6 ނުކުތާގެ ޕްލޭން ބަލައިގަނެ އެޕްލޭން ތަންފީޒުކުރުމަށް ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ބާރުއެޅުމުގެ މައްޗަށެވެ. މިސަމިޓްގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.

މީގެއިތުރުން ފަލަސްތީނުގެ މައްސަލައާއި ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާ ގުޅިގެން ކުރިމަތިވާ ހަމަނުޖެހުންތަކުގެ މައްސަލަތަކާއި ސޮމާލިޔާގެ މައްސަލައާއި ނިއުކްލިޔަރހަތިޔާރުނެތް ސަރަޙައްދަކަށް މެދުއިރުމަތިހެދުމާއި ޢަރަބި ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުންތައް ބަދަހިކުރުމާއި ޢަރަބި ލީގުގެ އޮނިގަނޑު އަލުން އިސްލާޙް ކުރުންފަދަ މައްސަލަތައް ޢަރަބި ސަމިޓްގެ އެޖެންޑާގައި ހިމެނެ އެވެ.

ޢަރަބި ސަމިޓަށް ޓަކައި ޢިރާޤުން ވަނީ އާދަޔާ ޚިލާފު ސަލާމަތީ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިކަމަށްޓަކައި އެއްލައްކައަށް ވުރެ ގިނަ ސިފައިންނާއި ފުލުހުން ސަލާމަތީ ވަސީލަތްތަކާ އެކު ބަޣްދާދާއި އެރަށުގެ ވަށައިގެންދާ ސަރަޙައްދުތަކުގައި ގެންދަނީ ޙަރަކާތްތެރިވަމުންނެވެ. މިއީ ފާއިތުވި 34 އަހަރު ތެރޭގައި ޢިރާޤުގައި ބޭއްވޭ ޢަރަބި ފުރަތަމަ ސަމިޓެވެ. (އަލްޖަޒީރާ)