ރިހެބިލިޓޭޝަން ޕްރޮގްރާމް މިހާރަށްވުރެ، ފުޅާ ކުރުމަށް މާފުށީ ޖަލާއި އައްސޭރި ޖަލުގައި އަޅާ ވަކި އިމާރާތުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ ބައިވެރިންގެ އަދަދު ގިނަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައްޔާއި އައްސޭރި ޖަލުގައި ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

އަހުމަދު ވިދާޅުވީ އެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، އަންދާޒާއަކީ މިއަހަރު ނިމުމުގެ ކުރިން އެ އިމާރާތްތައް ނިމި، އެތަންތަން ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ސީޕީގެ ވާހަކައިގައި ވަނީ ކަރެކްޝަންސްއިން ފުރަތަމަ ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ފަރުމާކޮށް ކުރިއަށް ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މި ދެބޭފުޅުންގެ އިތުރުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ނޭޝަނަލް ޑްރަގް އެޖެންސީއަށް ވެސް ސީޕީ ޝުކުރު ދެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އެއްވެސް މީހަކާމެދު ތަފާތުކުރުން މި މުޖްތަމަޢުގައި ގެންގުޅެގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެންގެ އަމާޒަކަށް ވާންޖެހޭނީ، ޖަލުގައި ތިބި ޤައިދީންނާއި ދޭތެރޭގައި އިހުތިރާމާއި އިހުސާންތެރިކަމާއެކު ޢަމަލު ކުރެވި އެ މީހުން އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެ މީހުންގެ އާއިލާތަކާއެކު ދިރިއުޅުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ވެސް ނައިބު ރައީސް އެދިވަޑައިގަތެވެ.