23 Aug 2022, 20:58
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވުމުން ހިތްހަަމަ ނުޖެހޭކަމަށާއި، އެ މެޗަކީ ލިވަޕޫލަށް މޮޅުވެވޭނެ މެޗެއް ކަމަށް އެ އެޓީމުގެ ކޯޗު ޖާގެން ކްލޮޕް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލު ބައްދަލަކުރި މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ކްލޮޕް ބުނީ ރޭގެ މެޗުގައި ހުރިހާކަމެއް ވެސް ދިޔައީ އުންމީދުކުރި ގޮތަށް ނޫންކަމަށެވެ. އަދި މެޗުގެ ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ނުޖެހޭކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ޔުނަައިޓެޑުން މެޗު ފެށީ މާ ރަނގަޅަށް ކަމަށާއި، ލިވަޕޫލަށް މެޗު ފެށުނީ އެކަހަލަ މެޗެއްގައި ފަށަން ޖެހޭ ގޮތަކަށް ނޫންކަމަށް ވެސް ކްލޮޕް ބުންޏެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން މެޗުގައި ރަނގަޅަށް ކުޅެން ލިވަޕޫލަށް އުނދަގޫވިކަމަށެވެ.
"ހަމަޔަގީނުން ވެސް ޔުނައިޓެޑް މެޗު ފެށީ މާ އެގްރެސިވްކޮށް. އެމީހުން މެޗު ކުޅުނީ އެމީހުން ބޭނުންވިގޮތަށް. އެއީ އަހަރުމެންގެ ކުށެއްކަމަށް ގަބޫލުކުރަންޖެހޭ،" ކްލޮޕް ބުންޏެވެ.
ނަމަވެސް ޔުނައިޓެޑުން ފުރަތަމަ ގޯލު ޖެހުމާއެކު ލިވަޕޫލުން ކުޅުން ވަރަކަށް ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދައި ގޯލުޖެހުމަށް މަސައްކަތްކުރި ކަމަށް ކްލޮޕް ބުންޏެވެ. އޭނާ ބުނީ ޔުނައިޓެޑްގެ ފަހަތުގައި ގިނަ ކުޅުންތެރިންތަކެއް މަޑުކޮށް ތިބުމުން ގޯލުޖަހަން އުނދަގޫވިކަމަށެވެ.
"ކޮންމެ 20 ސިކުންތަކުން ގޯލުޖަހާނެ ފުރުސަތެއް ތަނަވަސްކުރުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު ގޯލުޖަހާނެ ފުރުސަތު އަހަރުމުންނަށް ވެސް ލިބުނު،" ކްލޮޕް ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމިފައިވަނީ 2-1ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެގެންނެވެ. އެ މެޗުގައި ޔުނައިޓެޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޓީމުގެ ކެޕްޓަން ހެރީ މަގުއާ އަށް ފުރުސަތު ލިބުނީ ބެންޗުންނެވެ.