މަސްތުވާތަކެތީގެ ބޮޑުން ހިފުމަށް ކަމާބެހޭ ހުރިހާ ފާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ގޮވައިލައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގައިދީންނަށް ހިންގި ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ މަސްތުވާތަކެއްޗަކީ ރާއްޖެއަށް ޖެހިފައިއޮތް އެންމެ ބޮޑު އެއް ވަބާ ކަމަށާއި ޑްރަގް، ރާއްޖެއަށް އެތެރެކުރާހާ ހިނދަކު އެކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އެ ސަބަބަށް ޓަކައި އެންމެން ސަމާލުވެ ތިބެ، ތެދުވެރިކަމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ކަމާބެހޭ ހުރިހާ ފަރާތްތަކުން ވެސް ތެދުވެރިމާއެކު މިކަމުގެ ބޮޑުން އަތުލައިގަންނަން މަސައްކަތްކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ނަސީމް ވިދާޅުވިއެވެ.

ހަތަރު މަރުހަލާއަކަށް ކުރިއަށް ގެންދާ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް މާފުށީ ޖަލުގައި ފަށާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައެވެ. ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި، ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި 32 ގައިދީނަށް މިއަދު ވަނީ ސެޓްފިކެޓް ދީފައެވެ. އެ މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން، ނައިބު ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމްގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ބައިވެރިވެވަޑައިގެންނެވިއެވެ.