ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް މިދިޔަ އަންގާރަ ދުވަހު ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ދެ ދުވަސްތެރޭ ނަގާނެކަމުގެ ޔަގީންކަން އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ދީފިއެވެ.

އީޕީއޭއިން ބުނީ ބްރިޖް ޕްލެޓްފޯމް އެތަނުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅިގެން މިއަދު އެފްކޮންސް ކުންފުންޏާއި ޕްލޭނިން މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވިކަމަށެވެ.

"ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރިއަށްއޮތް ދެދުވަސް ތެރޭ ނިންމާނެކަމުގެ ޔަގީންކަން އެފްކޮންސް އިން ވަނީ ދީފަ،" އީޕީއޭއިން ބުންޏެވެ.

ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ނިމުމުން ފަރަށް ލިބުނު ގެއްލުން ދިރާސާކުރުމުގެ މަސައްކަތް ފަށާނެކަމަށް ވެސް އީޕީއޭ އިން ބުންޏެވެ. އަދި މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އެ އެޖެންސީން ދީފައެއް ނުވެއެވެ.

ބްރިޖް ޕްލެޓްފޯމް އެތަނުން ނެގުމަށް އެކަށީގެންވާ ވަަރަށް މަސައްކަތް ކުރާކަމަށް ގަބޫލުނުކުރެވޭކަމަށް ބުނެ އިއްޔެ ސޭވް ދަ ބީޗް މޯލްޑިވްސް އާއި ވިލިމާލޭގެ ޖަމިއްޔާއެއްކަމަށްވާ ވިލިޖޯލިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެ ދެ ޖަމިއްޔާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ކަމާބެހޭ އިދާރާތަކުން އެކަމަށް މިހާރަށްވުރެ ޚާއްސަ ސަމާލުކަމެއް ދީގެން އެކަން އަވަސް ކުރެވޭނެ ގޮތެއް ހޯދުން މުހިންމު ކަމަށެވެ. އަދި މިއަދު އަހަންމިއްޔަތުކަން ދޭންވީ ޖޫރިމަނާކުރުމަށް ވުރެ ފަރަށް ލިބިދާނެ ގެއްލުން މަދުކުރުމަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"ރާއްޖޭގައި މިކަހަލަ މަސައްކަތް ކޮށްއުޅޭ އެކަމަށް ގާބިލު ތަޖުރިބާކާރު މީހުން ތިބިކަމުގައި އަޅުގަނޑުމެން ގަބޫލުކުރަމެވެ. އަދި މިވަރުގެ ޕްރޮޖެކްޓް ހިންގަނީނަމަ މިވަރުގެ މަސައްކަތް ކުރެވޭނެ ސާމާނާއި ތަކެތި ހުންނަންވަނޭކަމުގައި ވެސް އަޅުގަނޑުމެން ގަބޫލުކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ފަރަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ރަނގަޅަށް ހަދައި އެ ހޯދުންތައް ރައްޔިތުންނާ ހިއްސާކުރުމަށް އެ ދެ ޖަމިއްޔާއިންވަނީ ގޮވާލާފައެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް ވަނީ އިއްޔެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު އުޝާމް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު އެ ހާދިސާއަށް އެއް ހަފުތާވުމާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ ޕްލެޓްފޯމް ނެގުމަށްޓަކައި އެ ބްރިޖުގެ މަސައްކަތް ކުރާ ކުންފުނިން ވެސް އަދި ސަރުކާރުގެ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.