29 Mar 2012, 22:24
ރާއްޖޭގައި އަމާން ވެއްޓެއް ގާއިމްވެފައި އޮންނަނީ ފުލުހުންގެ ބުރަ މަސައްކަތްތަކުން ކަމަށް ދިވެހިން ގަބޫލުކުރާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތަށް 79 އަހަރު ފުރުމާ ގުޅުވައިގެން ފުލުހުންގެ އާ އެކަމަޑޭޝަން އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ރާއްޖޭގެ ޒަމާންވީ ތަރައްގީގައި ދިވެހި ފުލުހުން އަދާކޮށްފައިވާ މަގާމަކީ ދިވެހި ޖައްވުގެ ކޮންމެ ރައްޔިތަކު ވެސް ފަހުރުވެރިވާނެ މަގާމެއް ކަމަށެވެ.
"ރާއްޖޭގެ ލޮބުވެތި ރައްޔިތުން ފުލުހުން ކުރައްވާ، ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާ. އަދި ރާއްޖޭގެ މި ވެށީގެ އަމާންކަން ގާއިމްވެފައި ވަނީ ފުލުހުން ކުރައްވާ ބުރަ މަސައްކަތުން ކަމަށް ވެސް ގަބޫލުކުރައްވާ،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވަމުން މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ނަންފުޅުގައި ފުލުހުން ކުރާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ކުޅަދާނަކަން ހުރި މިންވަރަކުން ފުލުހުންގެ ހިދުމަތުގައި ދެމިތިބޭ ފުލުހުންނަށް ދިރިއުޅުމުގެ ވަސީލަތްތައް ހަމަޖައްސަން މަސައްކަތް ކުރުމަކީ ސަރުކާރުގެ "ތެދު ނިޔަތް" ކަމަށާއި މިއަދު ބިންގާ އެޅުނު "އެކެމަޑޭޝަން ބްލޮކަ"ކީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހުރި ދަތިތައް ނައްތާލުމަށް ކުރެވޭ މުހިއްމު ކަމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އާއްމު ދިރިއުޅުމުގައި ފުލުހުންނަށް ދަތިތައް ހުރިކަން ސަރުކާރުން ގަބޫލުކުރަން. އެކަންތައް ރަނގަޅު، ރޭވިފައިވާ އިންތިޒާމެއްގެ ތެރެއިން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.